އަންނަ މަހު ލީބިޔާގައި އޮންނަ ރިޔާސީ އިންތިހާބުގައި އެގައުމުގެ ކުރީގެ ލީޑަރު ކާނަލް މުއްމަރުލް ގައްޒާފީގެ ދަރިކަލުން ވާދަކުރައްވާނެ ކަން ހާމަކުރައްވައިފިއެވެ.
ގައްޒާފީގެ ދަރިކަލުން ސައިފް އަލް އިސްލާމް ގައްޒާފީ ވަނީ އަންނަ މަހުގެ 24 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީވެވަޑައިގެންފައެވެ.
އިންތިހާބާ ގުޅޭ ކަރުދާސްތަކުގައި ސައިފް ސޮއިކުރައްވާތަން ފެންނަ ފޮޓޯއާއި ވިޑިއޯ އާންމުވެފައިވާ އިރު ލީބިޔާގެ ކަމާ ބެހޭ ފަރާތްތަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
2011 ވަނަ އަހަރުގެ ކުރިން ލީބިޔާގެ އާންމުންގެ ގިނަ ބައެއްގެ ތާއިދު އޮތް ސައިފް އަލް އިސްލާމްގެ ނަން ހަރާބުވީ އެގައުމުގައި އެއަހަރު ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އޭނާ ގޮވާލެއްވި ހިސާބުންނެވެ.
އެއަހަރުގެ މުޒާހަރާތައް ދާހިލީ ހަނގުރާމައަކަށް ބަދަލުވި އިރު ގައްޒާފީގެ ވެރިކަން ވެއްޓި އިދިކޮޅު ހަނގުރާމަވެރިން އޭނާ އަވަހާރަކޮށްލި އިރު ސައިފް އަލް އިސްލާމް ވެސް ދިޔައީ އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށަށެވެ.
ހަ އަހަރު ދުވަސް ވާންދެން އޭނާ ޖަލުގައި ބަންދުކޮށް ހުރިއިރު ސައިފް އަލް އިސްލާމްގެ މައްޗަށް މަރުގެ ހުކުމެއް ވެސް ކުރިއެވެ. އެހުކުމް ފަހުން ބާތިލުކޮށްފައިވާ އިރު ސައިފް އަލް އިސްލާމަކީ ހަނގުރާމައިގެ ޖަރިމާތައް ހިންގެވި ކަމުގެ ތުހުމަތުގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހޯދަމުން އަންނަ ބޭފުޅެކެވެ.
ލިބިޔާގައި އަންނަ މަހު ބާއްވާ އިންތިހާބަކީ އެގައުމުގައި ފުރަތަމަ ފަހަރަށް އޮންނަ ސީދާ ރިޔާސީ އިންތިހާބަށް ވާ އިރު އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އެގައުމުގައި އިންސާފުވެރި އަދި ހަމަހަމަ އިންތިހާބެއް ބޭއްވޭނެތޯ ސުވާލު އުފައްދާފައެވެ.