ދިގުލާ ގޮސްފައިވާ ލީބިޔާގެ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދއިން ސްޕޮންސާ ކޮށްގެން ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގައި ދެން ބައިވެރި ނުވާނެ ކަމަށް، އެ ގައުމުގައި ހިންގަމުންދިޔަ ހަމަނުޖެހުންތަކުގެ ދެ ފަރާތުގައި ޝާމިލުވާ ފަރާތްތަކުން ބުނެފިއެވެ.

މިއާއެކު ލީބިޔާގެ 10 މަސްދުވަސްވީ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ލިބިދާނެ ކަމަށް ކުރެވެމުން ދިޔަ އުއްމީދުތަކުގައި އަނެއްކާވެސް މިވަނީ ސިއްކަ ޖެހިފައެވެ.

އދގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް، ލީބިޔާގައި ހަމަނުޖެހުންތައް ހިންގާ ދެ ފަރާތުން ބުނެފައި މިވަނީ، މިމަޝްވަރާތައް އަދިވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން، ކަމާބެހޭ އދގެ ތަރުޖަމާނު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ލީބިޔާގެ މައި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތުގެ ފަރާތުން ޖެނީވާ މަޝްވަރާތަކުގައި ބައިވެރިވާން އިންކާރު ކުރީ އެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެދި އެ ފަރާތުން ހުށަހެޅި 13 ނަމުގެ ތެރެއިން އެންމެ 8 ނަން ފާސްކުރުމަށް އދއިން ނިންމި ނިންމުމަށް ނުރުހިގެން ކަމަށް، އެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމައިދާ އިރޫހްމާ ވަނީ ފާހަގަކޮށްފައެވެ.

ލީބިޔާގެ މައި ސަރުކާރު (ޖީއެންއޭ)ގެ ފަރާތުން މަޝްވަރާތަކަށް އިންކާރުކުރީ، އަސްކަރީ މަޝްވަރާތަކުގެ ނިންމުން އަންނަ ގޮތެއްގެ މައްޗަށް ބިނާކޮށްފައި ނޫނީ އދގެ މަޝްވަރާތަކުގައި ބައިވެރި ނުވާން ނިންމާފައިވާކަން ހާމަކުރުމަށްފަހުގައެވެ.

ކަންމިހެން އޮތް ނަމަވެސް، ލީބިޔާގައި ހަރަކާތްތެރިވާ އދގެ އެއްބާރުލުން ދޭ މިޝަން (ޔޫއެންއެސްއެމްއައިއެލް)ގެ ތަރުޖަމާޏު ޖޯން އެލް-އަލާމް ވިދާޅުވީ، ލީބިޔާގެ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހަށް ރާވާފައިވާ ސިޔާސީ ފެންވަރުގެ މަޝްވަރާތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި މިމަޝްވަރާތަކުގައި ބައިވެރިވުމަށް، މިހާރުވެސް ގިނަ އަދަދެއްގެ މަންދޫބުން ޖެނީވާއަށް ދަތުރުކޮށްފައިވާކަންވެސް އދގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ލީބިޔާގެ ޒަމާންވީ ޚުދުމުޚުތާރު ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމަށް 2011 ވަނަ އަހަރު ނޭޓޯގެ ގުޅިފައިވާ އަސްކަރީ ބާރުތަކުން ލީބިޔާގައި ހިންގި އޮޕަރޭޝަނަށް ފަހު އަދާ ޖެހުނުއިރުވެސް ލީބިޔާގެ މަސްރަހަށް ފިނިކަމެއް ލިބިފައެއް ނުވެއެވެ.

ދާހިލީ ހަނގުރާމަ ދިގުލާ ގޮސްފައިވާ ލީބިޔާގެ ތެޔޮ ކާރުހާނާއެއް/ފައިލް ފޮޓޯ: ރޮއިޓާޒް

މިހާރު ލީބިޔާގައި އުފެދިގެން އުޅޭ ހަމަނުޖެހުންތަކަކީ އަސްކަރީ އިދިކޮޅު ފިކުރުގެ ޖެނެރަލް ހަލީފާ ހަފުތާރު އިސްކޮށް ހުރެގެން، ވެރިރަށް ތުރާބުލުސްއާއި ސަރުކާރުގެ ކޮންޓްރޯލް ނެގުމަށް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެތެރޭގައި ހިންގަން ފެށި ކުރިމަތިލުންތަކާއެކު ފެށުނު ހަމަނުޖެހުންތަކެކެވެ. ހަމަނުޖެހުންތައް ފެށުނު ދުވަސްވަރު ހަފުތާރުގެ ބާރުތަކަށް ހިސާބަކަށް ކުރި ލިބުނު ކަމުގައި ވީ ނަމަވެސް ތުރާބުލުސްގެ ކޮންޓްރޯލް ނުލިބި، އެ ފައުޖުތައް އަދިވެސް ތާށިވެފައި ތިބީ ތުރާބުލުސްގެ ރަށްބޭރު ހިސާބުތަކުގައެވެ.

މި ހަމަނުޖެހުންތަކުގައި 1000އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، 140000 އެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ.