ހުދުމުހުތާރު ވެރިކަމެއް ވައްޓާލާ، ސިޔާސީ ހަމަނުޖެހުންގަނޑެއް އުފެދި، ދާހިލީ ހަނގުރާމައެއް ކުރަމުންދާ ލީބިއާގައި ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 10000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އިންޓަނޭޝަނަލް ކޮމިޝަން އޮން މިސިންގް ޕާސަންސް (އައީސީއެމްޕީ) އިން ހާމަކޮށްފިއެވެ.

މީގެ ތެރެއިން ގިނަ އަދަދެއްގެ ކޭސްތަކަކީ އިންސާނީ ވަގުފާރިއާއި، އަޅުވެތިކަމާ، ވިލާތުގެ ހިޖުރަވެރިންގެ މައިދާނުގައި ލީބިއާ އޮތް ހާލަތަށް ރިއާޔަތް ކުރެވޭ ކޭސްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އައިސީއެމްޕީއިންވަނީ ލީބިއާއިން ގެއްލިފައިވާ މީހުން ހޯދުމުގެ އެއްބަސްވުމެއްގައި ލީބިއާގެ ސަރުކާރާއެކު 2012 ގައި ސޮއިކޮށްފައެވެ. މިމަޝްރޫއަށް އެދެވޭ ކުރިއެރުންތަކެއް ލިބެމުން އަންނަ ކަންވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. ޑީއެންއޭ އާއި ސައެންސްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ޖާސޫސީ އިމުގެ ތެރެއިން ހިންގާ މަޝްރޫއުތައްވެސް މިކަމުގައި އިސް ދައުރެއް އަދާ ކުރާ ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ލީބިއާގެ ހަނގުރާމަ ގަދަވެގެން ދިއުމާއެކު އައިސީއެމްޕީގެ ލީބިއާ މިޝަން ބަންދުކުރަންވެސް ޖެހުނުކަން ފާހަގަކުރަންޖެހެއެވެ.

މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށްވެސް ލީބިއާގައި ހަނގުރާމަ ކުރަމުންދާ ދަނޑިވަޅަކަށްވާއިރު، މިކަމުގެ ހިޔަނިވެސް މިކަމަށް އެޅިފައިވާކަމަށް ޚަބަރު ލިބެއެވެ. އެހެންކަމުން އައިސީއެމްޕީއިން މިހާރު ދަނީ ސެޓެލައިޓް ފޮޓޯގެ އެހީގައި މާސް ގްރޭވްސް ނުވަތަ އެއް ސަރަހައްދެއްގައި ގިނަ ބަޔަކު ވަޅުލާފައިވާކަމަށް ބެލެވޭ ސަރަހައްދުތައް ހޯދާ، ދިރާސާތައް ކުރިއަށް ގެންދަމުންނެވެ.

ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 30 ވަނަ ދުވަސް، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަނީ "ގެއްލިފައިވާ މީހުން"ގެ ދުވަހުގެ ގޮތުގައެވެ.