ލީބިޔާގެ ކޮންޓްރޯލް އަތުލުމަށް ހަރަކާތްތެރިވަމުންދާ ޖެނެރަލް ޚަލީފާ ހަފުތާރުގެ ބާރުގެ ދަށަށް އެގައުމުގެ ތެޔޮވަޅުތަކާ ތެޔޮ ސަޕްލައިކުރާ ޓާމިނަލްތައް ގެންގޮސް، އެތަންތަނުގެ އޮޕަރޭޝަންތަކަށް ހުރަސްއަޅަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން މިހިނގާ 2020 ވަނަ އަހަރަކީ މާލީ ކާރިސާއެއް ކުރިމަތިވެ، ބަޖެޓް ދަރަނީގެ މައްސަލަތަލެއް ކުރިމަތިވާނެ އަހަރެއް ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ލީބިޔާގެ މައި ސަރުކާރުގެ އިސްވެރިޔާ ފާއިޒު އަލް-ސައްރާޖު ދެއްވައިފިއެވެ.

ލީބިޔާގެ ތެލުގެ ވިޔަފާރިއާއި ދެކޮޅަށް ޖެނެރަލް ހަފުތާރުގެ ބާރުތަކުން ފިޔަވަޅު އަޅަން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ މެދަކާ ހިސާބުން ކަމަށްވާއިރު، ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން، ލީބިޔާއިން ތެޔޮ އުފައްދާ މިންވަރު އިންތިހާއަށް ދަށްވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ވެރި ރަށް ތުރާބުލުސްގައި ނޫސްވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން އަލް-ސައްރާޖު ވިދާޅުވީ މި ފިޔަވަޅުތައް އެގޮތުގައި ދެމި އޮންނަން ވެއްޖެނަމަ އެކަމުގެ ނަތީޖާއަކަށްވާނީ މާލީ ކާރިސާއެއް ކަމަށެވެ. ގައުމުގެ ބަޖެޓް ނުދާހާ ދަށަށް މިއަހަރުގެ ބަޖެޓް ދަށްވާނެ ކަމަށްވެސް އަލް-ސައްރާޖު ވަނީ ވިދާޅުވެފައެވެ. އަދުގެ ހާލަތަށް ބަލާއިރު، މިކަމުގެ ސަބަބުން މިހާރުވެސް 1.4 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށާ، މިއަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދާ ކަމަށްވެސް އަލް-ސައްރާޖު ވަނީ ވިދާޅުވެފައެވެ.

ލީބިޔާގެ ދައުލަތުން އޮޕަރޭޓްކުރާ ނޭޝަނަލް އޮއިލް ކޯޕަރޭޝަން (އެންއޯސީ)އިން ހާމަކުރި ގޮތުގައި، ތެލުގެ އުފެއްދުންތެރިކަން މިހާރު ވަނީ ދުވާލަކު އެންމެ 163684 ފީފާއަށް ދަށަށް ގޮސްފައެވެ.

ތެލުގެ ވިޔަފާރިއަކީ އެ ވިޔަފާރިން ލިބޭ އާމްދަނީއަކަށް މުޅި ގައުމު ބަރޯސާވެފައިވާ އާމްދަނީއެވެ. ޖެނެރަލް ހަފުތާރުގެ ހުރަސްތައް ކުރިމަތިކުރުމާ ހަމައަށް ލީބިޔާއިން ދިޔައީ ދުވާލެއްގެ މައްޗަށް 1.2 މިލިއަން ފީފާގެ ތެޔޮ އުފައްދަމުންނެވެ.

ޖެނެރަލް ހަފުތާރަށް އެއްބާރުލުން ދޭ ލީބިޔަން ނޭޝަނަލް އާމީއާއި، އަލް-ސައްރާޖުގެ ސަރުކާރު (ޖީއެންއޭ)އަށް އެއްބާރުލުންދޭ އަސްކަރިއްޔާއާއި ދެމެދު ކުރިމަތިލުންތައް ހިންގަމުންދަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ.