ލީބިއާގެ ހުރިހާ ސަރަހައްދެއްގައި ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ލީބިއާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން އެއްބަސްވުމަކަށް އައިކަން، އދގެ ލީބިއާ މިޝަންއިން ހާމަ ކުރީ، މި ކަމަށް އިގުރާރުވި ބަޔާނުގައި ސޮއިކުރުމަށް، ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.

އދން ބުނީ ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ލީބިއާގެ ހުރިހާ ސަރަހައްދެއްގައި ހަމަލާ ބަދަލު ކުރުން ދާއިމަށް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައި ވާ ކަމަށެވެ.

ސުލްހަ ގާއިމު ކުރުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުގައި އދގެ ފަރާތުން އިސްކޮށް ހުންނެވި މަންދޫބު ސްޓެފާނީ ތުރުކޯ ވިލިއަމްސް ވިދާލުވީ، މިއީ ލިބިއާގެ ސުލްހައާއި ހަމަޖެހުމުގެ މިސްރާބަށް މުހިންމު ބަދަލެއް ކަމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައި ވާ ލީބިއާގެ ސަރުކާރު (ޖީއެންއޭ) އާއި، ވެރިކަން ވައްޓާލުމަށް ހަރަކާތްތެރިވަމުންދިޔަ ޖެނެރަލް ޚަލީފާ ހަފުތާރުގެ (އެލްއެންއޭ) އާ ދެމެދު ޖެނީވާގައި އެކުލަވާލި އެއްބަސްވުމާއެކު، ސިޔާސީ ފެންވަރުގެ މަޝްވަރާތަކެއް، އަންނަ މަހު، ތޫނިސްގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސުލްހައިގެ އެއްބަސްވުން ބުނާ ގޮތުގައި ލީބިއާގައި ހަނގުރާމަ ކުރުމަށާ ހަމަނުޖެހުން އުފެއްދުމަށް އެގައުމުގައި މިހާރު ހަރަކާތްތެރިވާ ބިދޭސީ ހަނގުރާމަ ވެރިން، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެގައުމުން ފައިބަން ޖެހެއެވެ.

ފެށުމުގެ ގޮތުން، ތުރާބުލުސްއިން ބެންގާޒީއަށް ފްލައިޓްދަތުރެއް ވަނީ ކޮށްފައެވެ. މިއީ ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މިފަދަ ފުރަތަމަ ފްލައިޓް ދަތުރެވެ. ސުލްހައިގެ އެއްބަސްވުން އެކުލަވާލި ނަމަވެސް، އެއަށް އަމަލީ ސިފަ އައިސްދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.