އޮސްޓްރޭލިއާގައި ކުޑަކުދިން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމާ ގުޅޭ އިލްމީ ދިރާސާއެއް ކުރަމުން އަންނަ ކަމަށް އެގައުމުން ބުނެފިއެވެ.

ކުޑަކުދިން މި ވެކްސިން ޖެހުމާ ގުޅޭ ގޮތުން އެމެރިކާގެ "ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" (ސީޑީސީ)ގެ ތަޖްރިބާކާރުން ބުނެފައިވަނީ ކޮވިޑުން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިނެއް ކަމަށް ވާ ފައިޒާ ވެކްސިން އުމުރުން ފަސް އަހަރާއި 11 އަހަރުގެ ކުދިންނަށް ޖެހުމަކީ ސިއްހަތަށް ގެއްލުން ނުލިބޭނެ ކަމެއް ކަން ކަށަވަރު ވެފައިވާ ކަމަށެވެ.

ސީޑީސީން މިކަން ނިންމުމާ ގުޅިގެން އެގައުމުގެ ބައެއް ސްޓޭޓްތަކުގައި އެ އުމުރުފުރާގެ ކުދިންނަށް މި ވެކްސިން ޖަހަން ފަށާފައި ވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގައި އެ އުމުރުފުރާގެ ކުދިންނަށް ކޮވިޑް ވެކްސިނެއް ނުޖަހައެވެ.

ނަމަވެސް އޮސްޓްރޭލިއާގައި ކޮވިޑް ކޭސްތައް ގިނަވެ، އާބާދީގެ ގިނަބަޔަކަށް ވެކްސިން ޖަހާ، މި ބަލި ކޮންޓްރޯލު ކުރެވޭނެ ގޮތްތަށް ހޯދަން މަޖުބޫރުވެފައި ވާއިރު މިކަމާ ގުޅިގެން އެގައުމުގެ ހެލްތު މިނިސްޓަރު ގްރެޓް ހަންޓް ވިދާޅުވީ އެ ގައުމުގެ ކުޑަކުދިންގެ ތެރެއިން އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް މި ވެކްސިން ޖެހުން ރައްކާތެރިތޯ ބެލުމަށްޓަކާ ދިރާސާތައް މިހާރު ހަދަން ފަށާފައިވާ ކަމަށެވެ.

އެގައުމުގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެ، ގައުމު ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި ވަނިކޮށް މި ބަލި ކޮންޓްރޯލު ކުރެވިގެން ދިޔައީ އާބާދީގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކުރުމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އުމުރުން 16 އަހަރުން މަތީ މީހުންގެ 90 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 16 އަހަރުން މަތީގެ 83 ޕަސެންޓް މީހުން ވަނީ ދެ ޑޯޒު ފުރިހަމަކޮށްފައެވެ.

މީގެއިތުރުން އުމުރުން 12 އަހަރާ 15 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 57 ޕަސެންޓް ކުދިން ވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.