ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރަން ވެގެން ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންނަށް އިންޒާރުދޭ މައްސަލަ ބަލަން ފުލުހުގައި އެދިފާވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގާ ދައުލަތުން ދައުވާ އުފުލާފައި ވަނީ މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ. މި ހަ މީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ހެކިވެރިންނަށް އިންޒާރުދޭ މައްސަލަ ބަލަން ޕީޖީން ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ސިއްރު ހެކިންގެ މައުލޫމާތު ލީކްވެފައި ހުރީ ހަމައެކަނި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ނޫން ކަމަށާއި އެހެން ބައެއް މައްސަލަތަކުގައި ވެސް ސިއްރު ހެކިންގެ މައުލޫމާތު އާންމުވެފައި ހުރި ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ފުލުހުން ވަރަށް ގާތުން ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.