ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމްއަށް ވަކީލެއް ހަމަޖައްސަން އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ.
ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ނާޒިމަށް ވަނީ ވަކީލެއް ހަމަޖެއްސުމަށް ތިން ދުވަހުގެ މުއްދަތެއްދީފައިވެއެވެ. އެހެންނަމަވެސް ދެމަހަށް ވުރެ ގިނަދުވަހަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައިވެސް އޭނާއަކަށް ވަކީލެއް ހަމަޖެއްސިފައި ނުވެއެވެ.
މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ދައުލަތުން އޭނާއަށް ވަކީލެއް ހަމަޖައްސައިދޭން ބޭނުންތޯ އައްސަވާފައެވެ. އެހެންނަމަވެސް ނާޒިމް ވަނީ އަމިއްލައަށް ވަކީލެއް ހަމަޖައްސާފައިވާނެ ކަމަށް ބުނެ، ފުލުހުންގެ ތަހުގީގުގައިވެސް އެ ވަކީލުގެ އެހީތެރިކަން އޭނާއަށް ލިބިފައިވާ ކަމަށާއި ހުރިހާ ލިޔެކިޔުމެއް ތަހުގީގީ މަރުހަލާގައި އައްޔަން ކުރި ވަކީލު އަތުގައި ވާނެ ކަމަށް ބުނެފައެެވެ. އެހެންނަމަވެސް ކޯޓުގައި އެ ވަކީލް ރަޖިސްޓްރީކޮށްފައި ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ، ނާޒިމް އެދުނީ އެހެން ދުވަހަކަށް އަޑުއެހުން ފަސްކޮށްދިނުމަށެވެ. އަދި ތަހުގީގީ މަރުހަލާގައި އޭނާއަށް އެހީވި ވަކީލު ހަމަޖެއްސުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެހެންނަަވެސް ގާޒީ އޭނާއަށް ދިނީ 7 ދުވަހުގެ މުއްދަތެކެވެ.