ސްރީލަންކާގެ 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ޑެފިސިޓް 8.8ގައި ހިފެހެއްޓުމަށް އެގައުމުގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތަކުން ޓެކްސް ނެގުމަށް ހުށަހަޅައިފިއެވެ.
މިކަމާ ގުޅިގެން މަޖިލީހުގައި ވާހަކަދައްކަވަމުން އެގައުމުގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސަ ވިދާޅުވީ އަލަށް އެކުލަވާލާފައިވާ ރެވެނިއު ޕްރޮޕޯސަލްތަކުގެ ދަށުން މަގުތަކުގައި ހިނގާ އެކްސިޑެންޓްތަކުން ޓެކްސް ނެގުމަށް ހުށަހަޅާފާ މައިގަނޑު ސަބަބަކީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ޑެފިސިޓް 8.8 ޕަސެންޓުގައި ހިފެހެއްޓުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ޓެކްސް ނަގަން ފަށައިފިނަމަ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރެވިދާނެ ކަމަށެވެ. އަދި މި ފިޔަވަޅަކީ މިވަގުތު އެގައުމަށް ބޭނުންތެރި ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން ލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވާއިރު މިނިސްޓަރު ވިދާޅުވީ ބޭރު ފައިސާގެ ރިޒާވް 2.3 ބިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށާ، ގައުމުގެ ހާލަތު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.
އަދި ތަކެތީގެ އަގުތައް އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ މުދާ މަދުވުމާއި އެގައުމުގެ ރުޕީޒްގެ އަގު ވެއްޓި، ގައުމު މާބޮޑަށް އިމްޕޯޓް މުދަލަށް ބަރޯސާވުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެގައުމުގެ އިގްތިސާދުގެ ހާލަތު އަނެއްކާވެސް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މަގުމަތީގެ އެކްސިޑެންޓުތަކުން ޓެކްސް ނެގުމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓަރު ހިއްސާ ކުރައްވާފައެއް ނުވެއެވެ.