ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ނެދަލެންޑްސްގައި ގޯސްވެ ލޮކްޑައުން އިއުލާނުކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިކަމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މާކް ރޫޓާ ވިދާޅުވީ ގައުމުގެ ހުރިހާ ހިސާބަކަށް ވެސް ވައިރަސްގެ އަސަރު ކޮށްފައިވާ ކަމަށާ، އެގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާކަމަށެވެ. އަދި މި ބަލި ކޮންޓްރޯލް ކުރުމަށް ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ހަފްތާގެ މުއްދަތަކަށް އަޅާފައިވާ މި ފިޔަވަޅުތަކުގެ ތެރޭގައި ރެސްޓޯރެންޓްތަކާއި ފިހާރަތައް ބަންދުކުރާ ގަޑިތަކަށް ބަދަލު ގެނައުމާއި ކުޅިވަރު މުބާރާތްތައް ބެލުމަށް މީހުން އެއްވުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ގޭގެއަށް ޒިޔާރަތް ކުރުން މަދުކުރަން އެންގުމާއެކު ހަތަރު މީހުންނަށް ވުރެ ގިނައިން އެއްފަހަރާ އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމަށް އަންގާފައި ވެއެވެ.

މާކް ވިދާޅުވީ ސުޕަމާކެޓްތަކާއި ޒަރޫރީ ތަކެތި ވިއްކާ ތަންތަން ވިޔަވާ އެހެން ތަކެތި ވިއްކާ ތަންތަން ބަންދުކުރާ ގަޑި އަވަސް ކުރުމާއި އިޖުތިމާއީ ގައިދުރުކަން ގެންގުޅުމަށް މީހުންނަށް އެންގުން ވެސް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އަދި ވެކްސިން ނުޖަހާ ތިބި މީހުންނަށް އާންމު ތަންތަނުގައި އުޅެވުމާއި ހިދުމަތްތައް ދިނުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށާ ލޮކްޑައުންގެ މުއްދަތު ނިމުމާއެކު އެކަން ވީ އެންމެ އަވަހަކަށް ކުރުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.

އެގައުމުގައި މިހާތަކަށް 2.27 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު މި ބަލީގައި 18،695 މީހަކު ވަނީ މަރުވެފައެވެ.