ރާއްޖެއަށް ކަނޑުމަގުން 100 ކިލޯގެ މަސްތުވާތަކެތި އެތެކުރަން އުޅުނު މައްސަލާގައި މިދިޔަމަހުގެ 13 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުގައި ތިބި 5 މީހުންގެ ތެރެއިން ތިން ދިވެހިންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ. އަދި ބާކީ ތިބި ދެ ބިދޭސީންގެ ތެރެއިން އެކަކު ބަންދަށް 15 ދުވަސް ޖަަހާފައިވާއިރު އަނެއްއް މީހާގެ ބަންދަށް 5 ދުވަސް ވަނީ އިތުރުކޮށްފައެވެ.

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރިއެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފައެވެ. އަދި އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދޫކޮށްލި ދެމީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެމީހުން ކަމަށާއި، އެހެންވެ އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެއިތުރުން މިމައްސަލާގައި ހައްޔަރުކުރި ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) ވެސް ވަނީ މިދިޔަ މަހު 26 ގައި ކްރިމިނަލް ކޯޓުން ދޫކޮށްލައިފައެވެ. އަދި މިމައްސަލާގައި ހައްޔަރުކުރި އިތުރު ދެ މީހުން ކަމަށްވާ ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) ވެސް މިދިޔަ މަހު 28 ވަނަ ދުވަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެ ދެ މީހުން ވެސް ދޫކޮށްލީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ