ޕާކިސްތާނު މަގުން އަފްގާނިސްތާނަށް ގޮވާން ފޮނުވުމަށް އިންޑިއާއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޕާކިސްތާނުން ވިސްނަމުންދާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު އާމިރު ހާން މުއްތާގީއާއެކު އިސްލާމްއާބާދްގައި ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

އިމްރާން ވިދާޅުވީ، މިހާރުގެ ހާލަތުގައި އިންޑިއާއިން ޕާކިސްތާނު މެދުވެރިކޮށް އަފްގާނިސްތާނަށް ގޮވާން ފޮނުވުމާމެދު ޕާކިސްތާނުން ވިސްނާނެ ކަމަށެވެ. އަދި މިއީ އިންސާނީ ހިދުމަތެއްގެ ގޮތުގައި ކުރާ ކަމެއްގެ ގޮތުގައި އެކަނި ދެވޭނެ ފުރުސަތެއް ކަމަށާ މިކަމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ ހާރިޖީ ސިޔާސަތުގެ ތަޖުރިބާކާރުން ބުނަނީ ޕާކިސްތާނުން މިގޮތަށް އެއްބަސްވެއްޖެނަމަ އަފްގާނިސްތާނަށް އެހީވުމަށް ކުރާ މަސައްކަތުން އިންޑިއާއާ ޕާކިސްތާނުގެ ގުޅުން ހަރުދަނާވެގެންދާނެ ކަމަށެވެ.

ޕާކިސްތާނު މެދުވެރިކޮށް އަފްގާނިސްތާނަށް ގޮވާން ފޮނުވުމަށް އިންޑިއާއިން މީގެ 19 އަހަރު ކުރިން 2002 ގައި އެންމެ ފުރަތަމަ ހުށަހެޅި ހުށަހެޅުމަށް ޕާކިސްތާނުން ދެކޮޅު ހެދިއެވެ. އޭނގެ ފަހުން މިގޮތަށް އިންޑިއާއިން ހުށަހަޅާފައިވާ ކޮންމެ ހުށަހެޅުމަކަށް ވެސް ޕާކިސްތާނުން އެއްބަހެއް ނުވެއެވެ.