2011 ވަނަ އަހަރުން ފެށިގެން ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ސޫރިޔާއާއެކު ގުޅުން ބަދަހިކުރުމުގެ ވިސްނުމެއް ނެތް ކަމަށާ އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއެކު އެހެން ގައުމުތަކުން ވެސް މަސައްކަތް ކުރުމަށް ނޭދާ ކަމަށް ގަތަރުން ބުނެފިއެވެ.
މިކަމާ ބަހޭ ގޮތުން ވާހަކަ ދައްކަވަމުން ގަތަރުގެ ހާރިޖީ ވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުލްރަހްމާނީ އަލް ސާނީ ވިދާޅުވީ، ސޫރިޔާގެ ރައީސް އަސަދުގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ދީފައިވާ ހިތާމައާ ގައުމަށް ދީފައިވާ ގެއްލުންތައް ހައްލުކުރުމަށް އެކަށީގެންވާ މަަސައްކަތްތައް ކުރަމުންދާތަން ނުފެންނަ ކަމަށެވެ.
އެހެން ކަމުން ގަތަރުން އެގައުމާއެކު ގުޅުން ބަދަހި ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށާ އެހެން ގައުމުތަކުން ވެސް އަސާދާއެކު މަސައްކަތް ނުކުރުމަށް ގަތަރުން އިލްތިމާސްކުރާ ކަމަށް ވެސް ގަތަރުގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ސޫރިޔާގެ ރައްޔިތުންނަށް އިތުރު ނިކަމެތި ކަމެއް ލިބިދާނެތީ އަޅަން ޖެހޭ ފިޔަވަޅެއް ކަމަށާ އެހެން ނަމަވެސް އެހެން ގައުމުތަކުން އެގޮތަށް ނުދެކޭ ކަމަށް ވެސް ގަތަރު ހާރިޖީ ވަޒީރު ވިދާޅުވިއެވެ.
ގަތަރުން މިހެން ބުނެފައި މިވަނީ ޔޫއޭއީގެ ހާރިޖީ ވަޒީރު ޝެއިހު އަބްދުﷲ ބިން ޒައިދު ސޫރިޔާއަށް ދަތުރެއް ކުރައްވާ ރައީސް އަސަދާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މިއީ 2011 ވަނަ އަހަރު ސޫރިޔާގައި ދާހިލީ ހަނގުރާމަ ފެށިފަހުން އެގައުމަށް ޒިޔާރަތްކުރި ޔޫއޭއީގެ އެންމެ އިސް އޮފިޝަލެވެ.
ސޫރިޔާގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ވަނީ ސޫރިޔާއާ ޔޫއޭއީއާ ދެމެދު އޮންނަ ގުޅުން އާރާސްތުކޮށް ދޭގުޅުންތައް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރައްވާފައި ކަމަށެވެ.