އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ އިދިކޮޅު ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަނުން ބާއްވާ "މިނިވަންކަމުގެ ދިފާއުގައި" ހިނގާލުން ޕީޕީއެމް އޮފީސް ކުރިމަތިން ފަށައިފިއެވެ.

މި ހިނގާލުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަދަ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ހިނގާލުމުގެ ބައިވެރިން ތިބީ ރަތް ކުލައިގެ ޓީޝާޓު ލައިގެން، އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ، ބެނާތައް ހިފައިގެންނެވެ.

މި ހިނގާލުމުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވަމުން ދާއިރު، މީގެ ކުރިން ވެސް އިދިކޮޅުން އިސްނަގައިގެން ބޭއްވި "މިނިވަންކަމުުގެ ދިފާއުގައި ދިވެހިން" ހިނގައިލުމުގައި ވަނީ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައެވެ.

"މިނިވަންކަމުގެ ދިފާއުގައި" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ހިނގާލުމުގެ ތެރެއިން

މިއަދުގެ ހިނގައިލުމަކީ މިދިޔަ ހަފުތާގެ ހުކުރުދުވަހަށް ތާވަލުކުރުމަށް ފަހު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި ހިނގާލުމެކެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން ހަދަމުންދާ އެއްބަސްވުންތައް ހާމަކުރުމާއެކު، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގޮވައިލާ ހަރަކާތެކެވެ.

އެ ހަރަކާތަކީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް އޮތް ހަރަކާތެއް ނޫން ކަމަށާއި، މި ހަރަކާތުގައި ހުރިހާ ސިޔާސީ ފަރާތްތަކާއި އާންމުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.