ވައިފުޅި އަޅައިގެން ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާދޭ ޑީކޮމްޕްރެޝަން ޗެމްބަރެއް ދ. ކަނޑިންމަ ރިސޯޓުގެ ކްލިނިކްގައި ގާއިމްކޮށްފިއެވެ.

ކަނޑިންމައިގައި ގާއިމްކުރި މި ޑީކޮމްޕްރެޝަން ޗޭމްބަރު ހުޅުއްވައިދެއްވީ، ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީއެވެ.

ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށް ކަނޑިންމަ ރިސޯޓުގެ ކްލިނިކްގައި މި ހުޅުވި ޑީކޮމްޕްރެޝަން ޗޭމްބަރަކީ ރާއްޖޭގައި ހަތަރުވަނައަށް ހިދުމަތްދޭ ޑީކޮމްޕްރެޝަން ޗޭމްބަރެވެ. އަދި މާލެއިން ދެކުނުގައި ހެދި ފުރަތަމަ ޗެމްބަރެވެ.

މި ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން، ފިކުރީ ވިދާޅުވީ މިއީ މާލޭން ދެކުނުގައި ހިދުމަތްދޭ ޑީކޮމްޕްރެޝަން ޗެމްބަރަށް ވުމުން، ގިނަ ބަޔަކަށް ހިދުމަތް ލިބި، ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޑީކޯވުމަށް މެދުވެރިވަނީ ފީނަން ގޮސް އުޅުމުގެ ތެރޭ މާ އަވަހަށް މައްޗަށް އެރުމުންނެވެ. މީގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ދައުރުކުރުމުގައި މައްސަލަ ދިމާވެ، ގޭސް ބޮކިތައް އުފެދެއެވެ. ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގައި ބައެއް ފަތުރުވެރިންނާއި މަސްވެރިންވެސް ޑީކޯވެފައިވާއިރު، ފަރުވާ ނުދެވުމުގެ ސަބަބުން ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ.

ކަނޑިންމައިގައި ހުޅުވި މި ޑީކޮމްޕްރެޝަން ޗެމްބަރުން ދ. އަތޮޅާއި އެ އަތޮޅާއި ކައިރި އަތޮޅުތަކުން ޑީކޯވާ ފަރާތްތަކަށް ހިދުމަތް ދެވޭނެ ކަމަށް ކަނޑިންމައިން ބުންޏެވެ.