މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއާއި ޗައިނާއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިކަމުގައި މިދެގައުމުން އެކުގައި މަސައްކަތް ކުރުމަށް ނިންމާ ގާއިމުކުރި އެއްބަސްވުން އިއުލާނު ކޮށްފައި ވަނީ ސްކޮޓްލޭންޑްގެ ގްލަސްކޯގައި މިހާރު ކުރިއަށްދާ މޫސުމާ ބެހޭ އދގެ ސަމިޓް ކޮޕް 26ގައެވެ.

ދެގައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިއެއްބަސްވުމުގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތް ދެގުނައަށް އިތުރު ކުރުން ކަމަށާ، މިއެއްބަސްވުމުގެ ދަށުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާނެ ކަމަށެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭސް އެންމެ ގިނައިން ބޭރުކުރާ ދެގައުމުން ބުނީ ދެގައުމުގެ ދެމެދު 2020 އިން ފެށިގެން ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވާނެ ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ޕެރިސް އެއްބަސްވުން އަސްލަކަށް ބަލައިގެން އެކުލަވާލާފައިވާ އިރުޝާދުތަކުގެ ދަށުން 2025 ވަނަ އަހަރުގެ ކުރިން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އަދަދު މަދުކުރުމަށް ވެސް އަމާޒު ހިފާފައިވާ ކަމަށް އެމެރިކާއާ ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާގެ ތިމާވެއްޓާ ބެހޭ މަންދޫބު ވިދާޅުވީ، 2015 ވަނަ އަހަރު ގާއިމުކުރި ޕެރިސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކާ، މިހާރު ކުރަމުންދާ މަސައްކަތްތަކާ ދެމެދު ވަރަށް ބޮޑު ފަރަގެއް އޮތް ކަން ދެގައުމުން ވެސް ގާބޫލުކުރާ ކަމަށެވެ.

ޗައިނާގެ މަންދޫބު ވިދާޅުވީ، އެމެރިކާއާ ޗައިނާއިން މިއެއްބަސްވުން ގާއިމުކުރީ ވޭތުވެދިޔަ 10 މަސްދުވަހުގެ 30 ބައްދަލުވުމެއް ބާއްވައިގެން ކަމަށެވެ.