ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގިނަ ސިޔާސީ ޕާޓީތަކުން އެއްބަސްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް ޕާޓީތަކުން އެކަން ދޮގުކޮށްފިއެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު އިއްޔެ ވަނީ އަންނަ އަހަރު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ގައި ނިޒާމް ބަދަލު ކުރަން ޕާޓީތަކުން އެއްބަސްވާ ކަމަށް ވިދާޅުވެފައެވެ.

"ދަ ޕްރެސް" އިން ޕީޕީއެމް، ޖޭޕީ، އެމްއެންޕީގެ އާއި އަދާލަތު ޕާޓީ (އޭޕީ) އަދި އެމްއާރުއެމް އާ ސުވާލުކުުރުމުން، ފަސް ޕާޓީން ވެސް ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެއްބަސްނުވާ ކަމަށް ބުނެފައެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ނިޒާމު ބަދަލުކުރަން އެއްބަސް ނުވާ ކަމަށާއި އެ ޕާޓީއާއި ރައީސް ނަޝީދު އެފަދަ ވާހަކައެއް ދައްކަވާފައި ވެސް ނުވާ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހް ވިދާޅުވީ، ނިޒާމް ބަދަލު ކުރަން ޖޭޕީން އެއްބަސް ނުވާ ކަމަށާއި ނަޝީދާ އެކު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްވެސް ކަމަކަށް އެއްބަަސްވެވަޑައިގެންފައި ނުވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ، ނިޒާމް ބަދަލު ކުރުމަށް ވުރެ އެ ޕާޓީއަށް މިވަގުތު އެންމެ މުހިއްމީ 2023ގެ ކުރިން ރައީސް ސޯލިހުގެ ވައުދުފުޅުތައް ފުއްދުން ކަމަށެވެ. މިހާތަނަށް ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް ރައްޔިތުން އެދޭ ނަމަ، ނިޒާމް ބަދަލު ކުރުމާ ގުޅޭ ބަހުސްގައި ބައިވެރިވާނެ ކަމަށް އަދާލަތުން ބުނެއެވެ.

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ ނަޝީދުގެ ވާހަކަފުޅު ދޮގުކުރައްވާފައެވެ. ނާޒިމް ވިދާޅުވީ ނިޒާމް ބަދަލު ކުރަން އެއްބަސް ވެވަޑައި ނުގަންނަވާ ކަމަށާއި އެހެންނަމަވެސް ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އެއްބަސްވެ ވަޑައިގެންފައިވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ވިދާޅުވީ، ނިޒާމު ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއްގައި އަދި އެ ޕާޓީން ބައިވެރިނުވާ ކަމަށާއި އަދި އެފަދަ ކަމަކަށް އެ ޕާޓީގެ ފަރާތުން މީހަކު އެދިފައިވެސް ނުވާ ކަމަށެވެ. އަދި މީގެ ކުރިންވެސް އެ ޕާޓީއިން ދެކޭގޮތް ވާނީ ހާމަކޮށްފައި ކަމަށް އަލީމް ވިދާޅުވިއެވެ.

މެއި 6 ގައި ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވައި ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވަނީ މަޝްވަރާވެސް ކުރައްވާފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޕީޕީއެމް އާއި ޕީއެންސީ އަދި އެމްއެންޕީއާ ވެސް ނަޝީދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރަސްމީކޮށް މި ޕާޓީތަކާ އެކުގައި ރައީސް ނަޝީދު ބައްދަލު ކުރެއްވި ނަމަވެސް އަދާލަތު ޕާޓީއާއި އެމްއާރްއެމްއާ އަދި ބައްދަލެއް ނުކުރައްވައެވެ.

ނިޒާމުގެ ވާހަކަ އަނެއްކާވެސް ހެޑްލައިންތަކަށް އަރައިގެން މިއުޅެނީ، ބަރުލަމާނީ މަޝްވަރާއަށް ދެވިދާނެ ކަމަށް އަދާލަތުން ބުނުމާ ގުޅިގެންނެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާމް އަބްދުﷲ މީޑިއާގައި ވިދާޅުވި ވާހަކައާ ގުޅިގެން ނަޝީދު ވަނީ އެމްޑީޕީގެ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް މެސެޖުތަކެއްވެސް ކުރައްވާފައެވެ.

"ބޭފުޅުން ވިސްނަވާ. ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑާ ވާދަ ކުރާ ޕްރައިމަރީއެއް ނުވަތަ އިންތިހާބަކަށް ވުރެ 2023ގައި ނިޒާމް ބަދަލު ކުރުން މާ ރަނގަޅު ކަމަށް ފެންނަނީ،"
ރައީސް ނަޝީދު

ނަޝީދު ވިދާޅުވާ ގޮތުން ޕްރައިމަރީއެއްގައިވެސް އަދި އިންތިހާބުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުން ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ދެކެވަޑައެއް ނުގަންނަވައެވެ.

މީގެ ކުރިން ނަޝީދު ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ވާހަކައާއި، ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީވެސް އެމަނުކުފާނު ކަމަސް ވިދާޅުވެފައެވެ. ނަޝީދުގެ ތާއީދާއެކު ބަރުލަމާނީ ގެންނަން ނަޝީދުގެ ސަޕޯޓަރުން ޕެޓިޝަނެއް ހަދާ 100،000 މީހުންގެ ސޮއި ހަމަކުރަން މުޅި ރާއްޖޭގައި ދަނީ ދަތުރު ކުރަމުންނެވެ.