ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަދާލަތާއި އެމްއާރްއެމް އަދި ޖޭޕީން ރައްދު ދީފިއެވެ.
މި ތިން ޕާޓީން ރައްދު ދީފައި ވަނީ، ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ތާއީދު ނުކުރި ނަމަވެސް އަދާލަތާއި އެމްއާރްއެމް އިން ތާއީދުކުރި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ، އެ ޕާޓީން އެއްވެސް އިރެއްގައި ނިޒާމް ބަދަލު ކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްވެފައި ނުވާނެ ކަމަށެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ ވެސް ހިމެނޭ ގޮތަށް ޕާޓީތަކުން އެއްބަސްވި ކަންކަން ކޯލިޝަން މެނިފެސްޓޯގައި ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެމުން އެމްއާރްއެމް އިން ބުނެފައި ވަނީ އެ ޕާޓީން އަބަދުވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާއި އެއްވެސް ފަރާތަކާ އެކު އެފަދަ ގޮތަކަށް އެއްބަސް ވެފައިވެސް ނުވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ވިދާޅުވި ކަމުގައި ވިޔަސް އަލުން ނިޒާމީ ވޯޓަކަށް ދިއުމަށް އެއްވެސް އިރެއްގައި އެއްބަސްވެފައި ނޯންނާނެ ކަމަށެެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ވިދާޅުވީ، ވަކި ކަމަކާ މެދު ޕާޓީއަކުން ނޫނީ ވަކި މީހަކު ތަފާތު ގޮތެއް ބޭނުން ވުމަކީ ދެން ތިބި އެންމެން ކޮންމެހެން އެއަށް ބޯލަނބަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ވަކި ވޯޓަކަށް ބަޔަކު ތާއީދު ކުރުމަކީ ނުވަތަ ނުކުރުމަކީ އިއްތިހާދުގެ މެނިފެސްޓޯއަށް މިހާރު އެކަމެއް ލުމަށް އޮތް ހުއްޖަތެއް ވެސް ނޫން ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން އެއްބަސްވި ކަންކަން މެނިފެސްޓޯއިން ފެންނަން ހުންނާނެ ކަމަށާއި ވަކި ޕާޓީއެއް ކަމެއް ބޭނުންވިޔަސް މެނިފެސްޓޯގައި އެކަން ނެތުމުން ދޭހަކޮށް ދެނީ އެއީ ޕާޓީތަކުގެ ނިންމުމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު މިއަދު އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރެއްވި މީ ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައި ވަނީ މިހާރު ދައުރު އޮތީ ދެބައިވެފައި ކަމަށާއި، އެހެންކަމުން ނިޒާމުގެ ފެންނަ ނުފެންނަ ވޯޓަކައިގެން މިހާރު ކުރިއަށް ދާންޖެހޭ ކަމަށެވެެ.
ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބުނު އިރު އެމަނިކުފާނު ނިކުންނެވީ އެމްޑީޕީގެ މެނިފެސްޓޯއާ އެކުގައި ކަމަށާއި، އެހެން ނަމަވެސް އިތުރު ޕާޓީތަކާ އެކު ކޯލިޝަން ހަދަން ޖެހުމުން އެ ޕާޓީތަކުން އެދުނު މެނިފެސްޓޯއަށް ތާއީދު ކުރައްވަން ޖެހިގެން ކުރެއްވީ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.