އެއްވެސް ސަބަބަކާ ނުލައި ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖެހުމަށް ދެކޮޅުހަދާނަމަ ނުވަތަ ނުޖަހާނަމަ ސިންގަޕޫރުން ހިލޭ ބޭސްފަރުވާ ނުލިބޭނެ ކަމަށް އެގައުމުން ބުނެފިއެވެ.
ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން މިގޮތަށް އަމަލު ކުރަން ނިންމާފައި ވާއިރު މިކަމާ ގުޅިގެން އެގައުމުގެ ސަރުކާރުން ބުނެފައި ވަނީ މަގުބޫލު އުޒުރެއްނެތި ބަލިން ދިފާއުވުމަށް ވެކްސިން ނުޖަހާނަމަ އެ މީހުންނަށް ހިލޭ ބޭސްފަރުވާ ނުލިބޭނެ ކަމަށެވެ.
ސިންގަޕޫރުން އެގައުމުގެ ރައްޔިތުންނާއި ދިގުމުއްދަތަކަށް އެގައުމުގައި މަސައްކަތް ކުރަމުންދާ މީހުންގެ އިތުރުން ރަޖިސްޓްރީ އޮތް މީހުންގެ ތެރެއިން ކޮވިޑް ޖެހޭ މީހުންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ދަނީ ދެމުންނެވެ.
އެގައުމުން ބުނެފައިވަނީ މިހާރުވެސް ވެކްސިން ނުޖަހާ ގިނަބަޔަކު އުޅެމުންދާ ކަމަށާ އަދި އެއީ މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭ މީހުން ވެސް އުޅޭ ކަމަށެވެ. އަދި މިހާރުވެސް އެތައް ބަޔަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާ ކަމަށާ އޭގެތެރޭގައި ވެކްސިން ނުޖަހާ މީހުން ގިނަކަން ފާހަގަ ކުރެވޭ ކަމަށެވެ.
ސިންގަޕޫރުގެ ސަރުކާރުން ބުނީ އެފަދަ މީހުންގެ ސަބަބުން ސިއްހީ ނިޒާމަށް ބޮޑު އަދި ނޭދެވޭ ލޮޅުމެއް އައުން އެކަށީގެންވާ ކަމަށާ އަޅަން ނިންމި ފިޔަވަޅާއެކު ގިނަ ބަޔަކު ވެކްސިން ޖަހާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެގައުމުގައި ވެކްސިން ޖެހުމުގެ ކެމްޕޭން ކާމިޔާބު ކަމާއެކު ހިންގުމަށް ގިނަ ޕްރޮގްރާމް ތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 85 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވާއިރު 18 އިންސައްތަ މީހުނަށް ވަނީ ބޫސްޓާ ޝޮޓްވެސް ޖަހާފައެވެ.