ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު، ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުއާ ސްރީލަންކާގެ ރައީސް، ދެ ގައުމުން އިސްކަންދޭ މުހިންމު މައުލޫއުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ "ޕްރައިމް މިނިސްޓަާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

މި ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ރާއްޖޭގެ އިތުރުން ހިމެނެނީ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްގެ ގައުމީ ފުޓްބޯޅަ ޓީމެވެ.