ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރަކު 15 ސްކޮލާޝިޕްގެ ފުރުސަތު ދޭން އެއްބަސްވެއްޖެއެވެ.

ރާއްޖެ ސަރުކާރާއި ހަންގޭރީ ސަރުކާރާއި ދެމެދު މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި އޮނަރަރީ ކޮންސަލް އޮފް ހަންގޭރީ އިން ދި މޯލްޑިވްސް މުހައްމަދު އަލީ ޖަނާހު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ހަތަރު އަހަރުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރަށް ކަނޑައެޅިފައިވަނީ، ފުރަތަމަ ޑިގްރީގެ ހަ ފުރުސަތާއި މާސްޓަސް ޑިގްރީގެ ހަތް ފުރުސަތާއި ޕީއެޗްޑީގެ ދެ ފުރުސަތެވެ. މި ސްކޮލާޝިޕްތަކުގެ ތެރޭގައި އެގްރިކަލްޗާ ސައިންސް، އާޓްސް އެންޑް ހިޔުމެނިޓީޒް، ސޯޝަލް ސައިންސް، ކޮމްޕިޔުޓާ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ، އިކޮނޮމިކް ސައިންސް، އެންޖިނިއަރިން ސައިންސް، ހެލްތު ސައިންސް، ޓީޗާ ޓްރެއިނިން، ސްޕޯޓް ސައިންސް، ނޭޗަރަލް ސައިންސް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

ހަންގޭރީ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މި ސްކޮލާޝިޕް ފުރުސަތުތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓް ފިޔަވައި ހުރިހާ ހަރަދެއް ހަމަޖައްސަވާނީ ހަންގޭރީ ސަރުކާރުންނެވެ. ދެކޮޅު ޓިކެޓްގެ ހަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މިއަހަރަށް ކަނޑައެޅިފައިވާ ސްކޮލާޝިޕް ފުރުސަތުތަކަށް ނޮވެންބަރު މަހުގެ ފަހުކޮޅު އިއުލާނު ކުރާނެ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން އިތުރަށް ބުނީ ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ހަރުދަނާކޮށް ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.