މިސްކިތްތަކަށް ކުޑަކަމުގޮސް އަދި އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ހަތިމަކަށް ކުޅު ޖެހި ހަސަން ޒިޔާދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އަނބުރާ ފުލުހަށް ފޮނުވާލައިފިއެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވީ މ. ޝޭޑީ ހޯމް، ހަސަން ޒިޔާދުގެ މައްޗަށެވެ. މިދިޔަ މަހުގެ 4 ވަނަ ދުވަހު ހައްޔަރުކޮށް، އޭނާއަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ.

މިދިޔަ މަހުގެ 4 ވަނަ ދުވަހު ޒިޔާދު ހައްޔަރުކޮށްފައިވަނީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި ވަދެ އެތަންތަނަށް ކުޑަކަމުގޮސް އަދި ރައީސް އޮފީހުގެ ގޭޓް ކުރިމައްޗަށް ވެސް ކުޑަކަމުދިޔަ މައްސަލައިގައެވެ.

އެހެންނަމަވެސް އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް އަންގައި އެ މައްސަލަ އަނބުރާ ފުލުހުންނަށް ޕީޖީއިން ވަނީ ފޮނުވާފައެވެ.

އެ މައްސަލައިގައި މިިދިޔަ މަހުގެ 13 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޒިޔާދުގެ ބަންދަށް 10 ދުވަސް ޖެހިއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމުމާއެކު މިދިޔަ މަހުގެ 25 ގައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

އޭގެ ފަހުން އިއްޔެ ޒިޔާދު ވަނީ މާލޭގެ މަސްޖިދުލް އިބްރާހީމްއަށް އަރާ ހަތިމަކަށް ކުޅުޖަހާފައެވެ. އެ މައްސަލައިގައި އިއްޔެ ހަވީރު އޭނާ ވަނީ ފުލުހުންގެ ބެލުުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން މީގެ ކުރިން ބުނީ މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ޖެންޑާ މިނިސްޓްރީން ވަނީ ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުރި ކަމަށް ފާހަގަ ނުވާކަމަށް ބުނެފައެވެ. އަދި އޭނާގެ މައްސަލަ ފުލުހުންނާއި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.