ދަރިއަކު ބަލިވެ އުޅޭ ތަން ބެލުމަށް މައި ލަގޮނޑިއަށް ކެތް ކުރުމަކީ ދަތި ކަމެކެވެ. އަތް މަތި ހުސް ވިއަސް އެ ދަރިއަކަށް ކުރަންޖެހޭ ފަރުވާ އާއި އެހެނިހެން ހަރަދުތައް ކުރުމުގައި އަވަސް ޝިފާއެއް ދެއްވާތޯ މާތްﷲ ގެ ހަޟްރަތުގައި ދުއާކުރުން މަތީގައި މައިމީހާ ދެމިހުރެއެވެ. ނަމަވެސް މިއަދު އުމުރުން 36 އަހަރުގެ އަޒްމާ އިބްރާހިމްގެ ހިތް ވަނީ ކުދިކުދި ވެފައެވެ. ހަތަރު ދަރިން ތިބި އިރު އޭނާގެ އެއް ދަރިފުޅަކީ ކިޑްނީގެ ބަލީގައި ބޮޑު ވަރު ވެފައިވާ ކުއްޖެކެވެ. އެ ދަރިފުޅަށް ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ދެއްވާތޯ ދުއާ ކުރަމުންދާ އެ މަންމަ ވަނީ ދަރިފުޅުގެ ބޭސް ފުރުވާއަށް މަލީ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުން ވެފައެވެ.

އުމުުރުން 13 އަހަރުގެ މުހައްމަދު ޒައިން އަސްލަމް އަކީ އުފަންވީ ދުވަހުން ފެށިގެން ވެސް ކިޑްނީ މައްސަލަ ހުރި ކުއްޖެކެވެ. ކިޑްނީގެ މައްސަލައިގެ އިތުރުން ޒައިން އަކީ "ނޫނަން ޑިސްއޯޑާ" ވެސް ހުންނަ ކުއްޖެކެވެ. މިއީ މޫނުގެ ސިފައަށް ޖެހޭ ބައްޔެކެވެ.

ޒައިންގެ އެއް ކިޑްނީއަށް ހޮޅިއެއް ލައްވާފައި އަނެއް ކިޑްނީގައި ހިލަ އުފެދިފައި

އެކި ފަހަރު މަތިން ކިޑްނީގެ މައްސަލައަށް ޒައިން ވަނީ ބޭސް ފަރުވާ ކޮށްފައެވެ. އެގޮތުން ގިނަ ސާޖަރީތަކެއް ވެސް ވަނީ ކޮށްފައެވެ. ޒައިންގެ އެއް ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާ އިރު، އަނެއް ކިޑްނީގައި ހުންނަނީ ހިލަ އުފެދިފައެވެ. އެހެންކަމުން މަސައްކަތް ނުކުރާ ކިޑްނީއަށް އޭނާ ވަރަށް ތުއްތު އިރު ވަނީ ސާޖަރީއެއް ކޮށް ހޮޅިއެއް ލައްވާފައެވެ. އެއީ އެ ކިޑްނީގެ ހޮޅި ބެދިފައި ވުމުގެ ސަބަބުން ކުޑަކަމުދާ އެއްޗެހި ބޭރު ނުވާތީއެވެ.

ޒައިންގެ އުމުރުން 1 އަހަރު ވަންދެން އެ ހޮޅި ހުރީ ހަށިގަނޑުން ބޭރަށް ނެރެފައެވެ. ނަމަވެސް އެއް އަހަރުވީ ފަހުން އެ ހޮޅި ވަނީ އެތެރެއަށް ލައްވާ ސްޓެންޓެއް ލައްވާފައެވެ. އެ ކިޑްނީއަށް ހޮޅި ލެއްވުމުގެ ސަބަބުން ކިޑްނީ ހުންނަނީ ވަރަށް ބޮޑަށް ދުޅަ ވެސް ވެފައެވެ.

މުހައްމަދު ޒައިނަށް އަނަންތަޕޫރީ ހޮސްޕިޓަލުން ދީފައިވާ ލިޔުމެއް

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭނާގެ މަންމަ އަޒްމާ އިބްރާހިމް ބުނީ، ސްޓެންޓް ލެއްވި ފަހުން ކޮންމެ ހަމަހަކުން އެ ސްޓެންޓް ބަދަލު ކުރަން ޒައިން އިންޑިއާއަށް ދާން ޖެހޭ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ޒައިން އިންޑިއާއަށް ދިޔަ ކަމަށާއި އެ އޮޕަރޭޝަންއަށް ފަހު ޒައިން އެނބުރި މާލެއަށް އައިސް 6 މަސް ފަހުން އިންޑިއާއަށް ދާން އުޅުނު ކަމަށް އަޒްމާ ބުނެއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ހުރެ އިންޑިއާއަށް ނުދެވި ގިނަ ދުވަސްތަކެއް މާލޭގައި މަޑު ކުރަން ޖެހުނު ކަމަށް އޭނާ ބުނެއެވެ.

ޖުލައި މަހު ކުރި އޮޕަރޭޝަން އަށް ފަހު ޒައިން ކޮވިޑް ޖެހި ބޮޑުވަރުވި!

2019 ވަނަ އަހަރު ކުރި އޮޕަރޭޝަނަށް ފަހު ޒައިން އިންޑިއާ އަށް ނުދެވި މަޑު ކުރަން ޖެހުނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާ ހެދިއެވެ. އެހެންކަމުން ޒައިންގެ ފަރުވާއަށް އިންޑިއާ އަށް ދެވުނީ އޭގެ ދޮޅު އަހަރު ފަހުން މި ދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ޒައިން ގޮވައިގެން އެ ދަތުރުގައި އިންޑިއާއަށް ދިޔައީ އޭނާގެ މަންމަ ފަރާތު މާމަ، އާމިނަތު މޫސާ އެވެ. ޒައިންއާ އެކު އެހީތެރިއަކަށް މާމަ ގޮސްފައި ވަނީ އޭނާގެ މަންމަ ވިހައިގެން އުޅޭތީ ތުއްތު ކުއްޖަކާއި އަދި އިތުރު ދެ ކުދިން ބަލަން މާލޭގައި މަޑުކުރަން ޖެހޭތީއެވެ.

ޖުލައި މަހުގެ ތެރޭގައި ކުރި ދަތުރުގައި ޒައިން ވަނީ ކިޑްނީއަށް ލައްވާފައިވާ ހޮޅިއަށް ގުޅި ސްޓެންޓް ބަދަލު ކުރުމަށް އޮޕަރޭޝަނެއް ކޮށްފައެވެ. އެ އޮޕަރޭޝަނަށް ފަހު އިންޑިއާގައި ގާތްގަނޑަކަށް 2 މަސް ދުވަހު މަޑު ކުރަން ޖެހުނެވެ. އޮޕަރޭޝަން ކޮށް ނިމުނު ތަނާ އޭނާ ވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑަށް ފަރުވާ ދިނީ އެ ހޮސޕިްޓަލުގައި ހުރި ކޮވިޑް ފެސިލިޓީގައެވެ. ބޮޑު އޮޕަރޭޝަނެއް ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ކޮވިޑަށް ޕޮޒިޓިވް ވުމުން ޑޮކްޓަރުންގެ އުންމީދު ވަރަށް ކުޑަވި ކަމަށް އަޒްމާ ބުނެއެވެ. ނަމަވެސް ﷲގެ އިރާދަފުޅުން ޒައިން ކޮވިޑުން ފަސޭހަވެ ކާމިޔާބު އޮޕަރޭޝަނަކާ އެކު މާލެއަށް އައީ މިދިޔަ އޮގަސްޓް މަހު ފަހުކޮޅުއެވެ.

މާލެ އައިސް މާ ގިނަ ދުވަހެއް ނުވަނީސް ޒައިން ހުން އައިސް ހޮޑުލެވި ބަލިވާތީ އޭނާ އައިޖީއެމްއެޗަށް ދެއްކިއެވެ. ހެދި ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އޭނާގެ ހަޑިގަނޑުގައި އޭރު ވަނީ އިންފެކްޝަން އުފެދިފައެވެ. އެހެންކަމުން ޑޮކްޓަރުން އެންޓިބައޮޓިކްސް ފެށި ކަަމަށާއި އަދި ހައި ޑޯޒްތަކެއް ދެމުން ދިޔަ އިރު ވެސް އިންފެކްޝަން ދަށް ނުވެ މަތިވަމުން ދިއުމުން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ލަފާ ދިނީ ވީ އެންމެ އަވަހަކަށް އިންޑިއާ އަށް ދިއުމަށް ކަމަށް އަޒްމާ ބުނެއެވެ.

އާސަންދަ ހަމަޖެހި މި އަހަރު ދެވަނަ ފަހަރަށް ޒައިން އިންޑިއާއަށް ފުރީ މިދިޔަ ސެޕްޓެމްބަރު މަހު އަނެއްކާ ވެސް އޭނާގެ މާމައާ އެކީގައެވެ. އެ ދަތުރުގައި ޒައިންގެ ސްޓެންޓް އަނެއްކާ ވެސް ބަދަލު ކުރަން ޖެހުނެވެ. އެ އޮޕަރޭޝަނަށް ފަހު އޮކްޓޯބަރު މަހު ޒައިން މާލެއަށް ފުރަން ޖެހުނު އިރު ކަން ދިމާ ކުރި ގޮތް ކިޔައިދެމުން އޭނާގެ މަންމަ އަޒުމާ ބުނީ، އިތުރު ފައިސާ އެމީހުންގެ އަތުގައި ހުރި ނަމަ ނުފުރާ މަޑު ކުރެވުނީސް ކަމަށެވެ.

މުހައްމަދު ޒައިން އަސްލަމް

ޓިކެޓް ހަމަޖެހިފައި އޮއްވާ ޒައިންގެ ހާލު ގޯސްވި ކަމަށް އަޒްމާ ބުނެއެވެ. އަދި އޭރު ވަރަށް ގަދައަށް ޒައިން ހުން އައި ކަމަށާއި ނަމަވެސް މަޑު ކުރެވެން ނެތުމުން މާލެއަށް އަންނަން މަޖުބުރުވީ ކަމަށް އަޒްމާ ބުނެއެވެ. އިންޑިއާއިން އައުމަށް އަތުގައި ހުރި ހުރިހާ ފައިސާއެއް ކުއްޔަށް ނެގި ރޫމަށް ދެއްކި އިރު އަތްމަތި އެއްކޮށް ހުސްވީ ކަމަށް އަޒްމާ ބުނެއެވެ.

މާލެ އައިތާ 24 ގަޑިއިރު ނުވަނީ އެމަޖެންސީކޮށް ޒައިން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށާއި އޭރު ހުން ގަދަ ވެ ހޮޑުލައި ޒައިންގެ ހާލު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް އަޒުމާ ބުނެއެވެ. އައިޖީއެމްއެޗުން އޭނާގެ ޓެސްޓުތައް ހަދައި ބެލުމަށް ފަހު މަޑު ކުރެވެން ނެތް ކަމަށް ބުނެ އިންޑިއާ އަށް އަނެއްކާ ވެސް ފުރަން ޑޮކްޓަރުން ލަފާ ދިނެއެވެ.

މި މަހުގެ 4 ވަނަ ދުވަހު ޒައިން އަނެއްކާ ވެސް އިންޑިއާއަށް ދިޔައީ އޭނާގެ މާމައާ އެކީގައެވެ. ޒައިން އިންޑިއާއަށް ދިޔަ އިރު އޭނާގެ މަންމަ އުޅުނީ 10 މަހުގެ އެންމެ ކުޑަ ދަރިފުޅު ބަލިވެގެން އޭޑީކޭ ހޮސްޕިޓަލުގައި ބާއްވައިގެންނެވެ. 10 މަހުގެ ޒައިންގެ ކޮއްކޮގެ ހިތުގައި ޅޯވަޅެއް ހުރުމުން އޭޑީކޭއިން އޮޕަރޭޝަން ކުރަން ޖެހި ޒައިންއާ އެކުގައި މި ދަތުރު ވެސް ޒައިންގެ މަންމައަށް ނުދެވުނު ކަމަށް އަޒްމާ ބުނެއެވެ.

އިންޑިއާއަށް ގިނަ ދަތުރުތަކެއް ކުރަން ޖެހުމުން އަތްމަތި އެކީ ހުސްވެއްޖެ: އަޒްމާ

މިހާރު ޒައިން ވަނީ އަމްރިތާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ޒައިންގެ އެކި ޓެސްޓުތައް އެ ހޮސްޕިޓަލުން ހަދަމުން އަންނަ އިރު މިހާރު ލިބިފައިވާ ރިޕޯޓްތަކުގެ ނަތީޖާ ދައްކާ ގޮތުން އެއް ކިޑްނީގައި ގިނަ ހިލަތަކެއް ހުރިކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ މަންމަ ބުނެއެވެ. އަދި ބެކްޓީރިއާ އުފެދިފައިވާ ކަމަށާއި ބެކްޓީރިއާ އުފެދިފައި ހުރިތަން ވަނީ ދުޅަވެފައި ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް ޑޮކްޓަރުން މަޑުކޮށްގެން ތިބީ ޒައިންގެ ކަލްޗާ ޓެސްޓުގެ ނަތީޖާ ލިބެން ދެން ކަމަށާއި އެ ނަތީޖާ ލިބުމުން ދެން ފަރުވާ ދިނުމުގައި ކުރިއަށް ދާން ފެންނަ ގޮތް ހާމަ ކުރާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އަޒްމާ ބުނެއެވެ.

މުހައްމަދު ޒައިންގެ ފަރުވާކުރި އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ލިޔުންތަކެއް

މިއަހަރު ދެވަނައަށް އިންޑިއާއަށް ކުރި ދަތުރުގައި ވީ ގޮތަށް އަތް މަތި ހުސްވެގެން ފަރުވާ މެދުކަނޑާލައިގެން މާލެއަށް އެނބުރި ޒައިން އަންނާކަށް އޭނާގެ މަންމަ ބޭނުމެއް ނުވެއެވެ. ފަރުވާއަށް އާސަންދަ ހަމަޖެހުނު ނަމަވެސް ހުރުމާއި ކެއުމަށް ހަރަދުތަކެއް ދާތީ އަޒްމާ އެދެނީ ދީލަތި އެހީއެއް ވެދެވެން ތިބި ބަޔަކު ޒައިންގެ ފަރުވާއަށް ދެވެން އޮތް އެހީ ތެރިކަމެއް ފޯރުކޮށް ދިނުމަށެވެ. އަދި މި ވަގުތު ޒައިންއަށް ހެޔޮ ދުއާ ކޮށްދިނުމަށް ވެސް އޭނާގެ މަންމަ ވަނީ އެދިފައެވެ.

"އާސަންދަ ހަމަޖެހޭ ކޮންމެ ފަހަރަކު ވެސް. އެކަމަކު އާއިލާ އިން އެހާ އެހީތެރިއެއް ނުވޭ. ކޮވިޑް އައުމުގެ ކުރިން މީގެ ކުރިން ޔުނިވާސަލް ކޮކާކޯލާ ފަދަ ކުންފުނިތަކުން އެހީ ދީފަ އެބަހުރި. އެކަމަކު ކޮވިޑް އައި ފަހުން އެހީ ނުލިބޭ. އެހެންވެ އަސްލު ވަރަށް ދަތިކޮށް މިއުޅެނީ. މިއަހަރު މިހާރު އިންޑިއާށް މިދިޔައީ ތިން ވަނަ ފަހަރަށް"
އަޒްމާ އިބްރާހިމް

މީގެ ކުރިން ޒައިންއަށް ބޭސް ފަރުވާ ކުރުމަށް އެކި ފަހަރު މަތިން ރާއްޖެއިން ބޭރަށް ދިއުމަށް ގިނަ އެހީތަކެއް ވަނީ ލިބިފައެވެ. އާސަންދަ ހަމަޖެހުނު ނަމަވެސް އެ އާއިލާއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން އިތުރު ފައިސާ ހޯދަން އެކި ފަރާތްތަކުން އެހީ ހޯދަން އެ އާއިލާއަށް ޖެހުނެވެ. އެއިން ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިވެރިން ޒައިން އަށް އެހީތެރިކަން ފޯރުކޮށް ދިނެވެ.

13 އަހަރުގެ ޒައިން އަކީ އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް އުޅެން ބޭނުންވާ ކުއްޖެކެވެ. އުފަން ވީ އިރު ހުރި ކިޑްނީގެ މި މައްސަލައާ ހުރެ ޒައިންގެ ތުއްތު ދުވަސްވަރު ވެސް ހޭދަވެގެން ދިޔައީ ގިނައިން ހޮސްޕިޓަލުގައެވެ. މިއަހަރު ނިމުމާ ގާތްވެފައި އޮތް އިރު އަދި މިއަހަރު އެންމެ ދުވަހަކު ވެސް ޒައިންއަށް ސްކޫލަކަށް ނުދެވެއެވެ. އެކަމާ ޒައިން ވަރަށް ދެރަ ވެސް ވެއެވެ. އެކުވެރިންނާއި ލޯބިވާ ޓީޗަރުންނަށް ނުފެނި އެތައް ދުވަހެއް ވީ އިރު އޭނާއަށް ބަލިވެ އެނދުގައި އޮތުން ނޫން ގޮތެއް ނެތެވެ. ގިނަ ދުވަސްތަކަކީ ހުން އައިސް ހޮޑުލެވޭ ދުވަސްތަކެވެ. އެފަދަ ދުވަސްތަކުގައި ކިތަންމެ ކާން ބޭނުން ވިޔަސް ޒައިނަށް ކާ އެތިކޮޅެއް ނުކެވި އޮންނަން ޖެހެއެވެ.

މުހައްމަދު ޒައިނަށް އައިޖީއެމްއެޗް އަދި އާސަންދައިން ދީފައިވާ ލިޔުން

ޒައިންގެ މި ބައްޔަށް ފަރުވާ ހޯދުމުގައި މުޅި އުމުރު ހޭދަވަމުން ދާއިރު، މިހާ ހިސާބަށް އައުމުގައި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން އާއިލާއިން ފާހަގަކޮށް ޝުކުރު އަދާ ކުރެއެވެ. އަދި އެ އާއިލާގެ މާލީ ހާލަތު ތަން ނުދޭތީ ފައިސާގެ އެހީތެރިކަން މި ވަގުތު ވަނީ ނުހަނު ބޭނުން ވެފައެވެ. ޒައިންއަށް އެހީވާން ބޭނުންވާ ފަރާތްތަކުން ޒައިންގެ މަންމަ، އަޒްމާ އިބްރާހިމް 9925069 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ.

އެކަންޓުން ނަން: އަޒްމާ އިބްރާހިމް ދީދީ

އެކައުންޓް ނަމްބަރު (ރުފިޔާ): 7708383920101

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ މުހައްމަދު ޒައިން އަސްލަމް އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.