އިތިއޯޕިއާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އދ އިން ގޮވާލައިފިއެވެ.
އދ ގެ ސަލާމަތީ މަޖިލީހުން ފުރަތަމަ ފަހަރަށް އިތިއޯޕިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަނބޮޑުވުން ފާޅުކޮށްފައި ވާއިރު އެ މަޖިލީހުން ބުނީ މި ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގެ ބައެއް ސަރަހައްދުތައް ކަމަށްވާ ޓިގްރޭ، އަމްހަރާ އަދި އަފާރުގެ ހަތް މިލިއަނެއްހާ މީހުން މިހާރުވެސް ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި އެންމެ ގިނަ އަދަދެއްގެ މީހުން ހާލުގައި ޖެހިފައި ވަނީ ޓިގްރޭއިން ކަމަށާ އެ ސަރަހައްދުން މިހާތަނަށް ފަސް މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެ މަޖިލީހުން ބުނެއެވެ.
ސަލާމަތީ މަޖިލީހުން ބުނީ 400،000 އެއްހާ މީހުން ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އަންދާސީ ހިސާބުތައް ދައްކާ ކަމަށެވެ. ވުމާއެކު ހަމަނުޖެހުންތަކުގެ ހާލަތު އިތުރަށް ގޯސްކުރުވުމަށް ހިތްވަރު ދިނުން ފަދަ ކަންކަން ކުރުމާ އިތުރު ހަމަނުޖެހުންތައް ހިނގުމަށް މަގުފަހިވާ ފަދަ ކަންކަން ކުރުމުން ހުރިހާ ރައްޔިތުންވެސް ދުރުވުމަށް ގޮވާލާކަމަށެވެ. އަދި މި ހަނގުރާމަ ވީ އެންމެ އަވަހަށް ހުއްޓާލުމަށް ގޮވާލާ ކަމަށާ އެކަން ކުރުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް ވެސް ގޮވާލާކަމަށް ވަނީ ބުނެފައެވެ.
އެ މަޖިލީހުގެ ކައުންސިލް މެންބަރުން ވަނީ އާންމު ހިދުމަތްތަކާ އިންސާނީ އެހީ އެއްވެސް ދަތިކަމެއް ނެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް ވެސް ގޮވާލާފައެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފާއިތުވި އަހަރެއްގާ ދުވަހު އިތޯޕިއާގެ ސަރުކާރާ ޓިގްރޭ ސިފައިންނާ ދެމެދު ހިނގާފައިވާ ކުރިމަތިލުންތަކުގައި އެތައް ހާސް ބަޔަކު މަރުވެ، 2.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.