ސްރީލަންކާގައި މާދަމާ ފަށަން ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ރާއްޖެ ބައްދަލު ކުރާ މެޗު ޝަރަފުވެރިކޮށްދެއްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މާދަމާ ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގައި ތަރުޖަމާނު މަބްރޫކު އަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ލަންކާ އަށް ކުރައްވާ މި ދަތުރުފުޅަކީ މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ލަންކާގެ ރައީސް ގޮތަބަޔާ ރާޖްޕަކްސާ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ލަންކާ ގަޑިން 8:00 ގައެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 އެވެ.

މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު މާދަމާ ރޭ ކުޅޭއިރު މި މެޗުގެ ޓިކެޓުތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. ނަމަވެސް ދިވެހިންނަށް ހާއްސަކޮށް ވިއްކާނީ ކިހާ އަދަދެއްގެ ޓިކެޓެއް ކަމެއް ހާމައެއް ނުކުރެއެވެ.

މި މުބާރާތުގައި ދިވެހިންނަށް މެޗު ބަލަން ވަދެވޭގޮތަށް ކުރިން އޮތީ މީހަކަށް 5000 ރުޕީސްއަށެވެ. ނަމަވެސް މިހާރު ވަނީ ޓިކެޓްގެ އަގު 3000 ރުޕީސް އަށް ކުޑަކޮށްފައެވެ.