މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ، އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ހަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މިސްކިތްތަކަށް ކުރިން ކުޑަކަމުދިޔަ، އުމުރުން 40 އަހަރުގެ ހަސަން ޒިޔާދު މިއަދު އިބްރާހީމް މިސްކިތަށް އަރާ ހަތިމަކަށް ކުޅު ޖެހުމުން، އެވަގުތު މިސްކިތުގައި ތިބި މީހުން ވަނީ އޭނާ ފުލުހުންނާ ހަވާލު ކޮށްފައެވެ.

ޒިޔާދު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައިރު، އޭނާ ގާތު ހަތިމަށް ކުޅުޖެހިތޯ މީހަކު ސުވާލު ކުރުމުން، އޭނާ ވަނީ ހަތިމަށް ކުޅު ޖެހިކަމަށް އެއްބަސްވެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، ހަވީރު 4:03 ހާއިރު ޒިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލަ ބަލަމުންދާ ކަމަށެވެ.

ހަތިމަކަށް ކުޅު ޖަހައިގެން މިއަދު ޒިޔާދު ހައްޔަރުކޮށްފައިވާއިރު، ޖެންޑާ މިނިސްޓްރީން މީގެ ކުރިން "ދަ ޕްރެސް" އަށް ބުނީ އޭނާގެ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެ ގޮތުން އެ ފިރިހެން މީހާގެ އާއިލާ އާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ދެއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން، ޒިޔާދު ވަނީ މަޣްރިބް ނަމާދު ވަގުތު އިސްލާމީ މަރުކަޒަށް އަރާ އެ މިސްކިތުގެ ތެރެއަށް ކުޑަކަމު ގޮސްފައެވެ. މީގެ އިތުރުން އޭނާ ވަނީ ހުކުރު މިސްކިތުގެ ތެރެޔަށާއި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ވެސް ކުޑަކަމު ގޮސްފައެވެ.

މި މައްސަލައިގައި ޒިޔާދު ހައްޔަރު ކޮށްފައި ވީ ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. ޒިޔާދު ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށާއި މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. ހަމައެއާއެކު، އޭނާގެ އާއިލާގެ ފަރާތުން އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.

އެއަށްފަހު، އިސްކަންދަރު މިސްކިތުގެ ހަރިންމައިގެ ތެރެއަށް އޭނާ ކުޑަކަމުގޮސްފައިވާއިރު، މަޖީދީމަގުގައި ހުންނަ ކެފޭއަކަށް ވަދެ، އެތަނުގައި ހުރި ތަކެއްޗަށްވެސް ގެއްލުންދީފައިވެއެވެ.