އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައެއް އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފިއެވެ.
ފޭދޫ މަގިކެޑަގެ، އަލީ ވަރުދީގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ އަވަށުގެ ނިއުޒީފެހިގޭ ހުސައިން ޝާމިންގެ މައްޗަށް ކުރި ޑްރަގް ޓްރެފިކިންގެ ތުހުމަތެއްގައި އޭނާގެ ގެ ބަލައި ފާސްކުރަނިކޮށް ފެނުނު ފިލްމު ހުސްކުރި ދަޅަކުން ވަރުދީގެ ފިންގަޕްރިންޓު ފެނުމުންނެވެ. މި މައްސަލާގައި ފިލްމު ހުސްކުރި ހަ ދަޅު ފެނިފައިވާއިރު، 160 ގްރާމަށް ވުރެ އިތުރަށް މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އެ މައްސަލާގައި ޝާމިންގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ކުރި ނަމަވެސް، ފެނުނު ތަކެއްޗަކީ ކެނަބިހުގެ މިކްސްޗާއެއް ކަމަށާއި، ސީދާ ކެނަބިހަށް ނުވާތީ ދައުވާ ކުރަން ޖެހޭނީ އެހެން މާއްދާއަކުން ކަމަށް ބުނެ، ފޭދޫ ކޯޓުން އެ ދައުވާ ބޭރުކޮށްލިއެވެ. ނަމަވެސް، މިދިޔަ އޮގަސްޓުގައި އެ ދައުވާ އަލުން ބަލަން ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ޝާމިންގެ މައްސަލައެކޭ އެއްގޮތަށް، ވަރުދީ އަށް ކުރި ދައުވާވެސް ފޭދޫ ކޯޓުން ބޭރުކޮށްލީ މި ނުކުތާތަކަށް ބުރަވެ ހުރެއެވެ.
ވަރުދީގެ މައްސަލަ ފޭދޫ ކޯޓުން ނިންމީ، މީގެ ކުރިން ހައިކޯޓުން ނިންމި މައްސަލައެއްގެ އަގަލިއްޔާ ރައުޔަށް ބިނާކޮށް، ޓެޓްރާހައިޑްރޯ ކެނަބިނޯލާއި، ކެނަބިނޯލަކީ މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗަށް ވުމުން ދައުވާ ކުރަން ޖެހޭނީ އެއާ ގުޅޭ މާއްދާއަކުން ކަމަށް ދެކިގެންނެވެ.
ނަމަވެސް މި ހުކުމް ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައި ބުނީ ދަށު ކޯޓުތަކުން ތަބާވާން ޖެހޭނީ ނިންމުންތަކުގެ އަގުލަބިއްޔަތު ރައުޔަށް ކަމަށާއި، އަގަލިއްޔާ ރައުޔަށް ބުރަވެ ނިންމުންތައް ނުނިންމޭނެ ކަމަށެވެ.
އޭގެ އިތުރުން، އިޖުރާއީ އުނިކަމެއް ފަނޑިޔާރަށް ފާހަގަ ކުރެވިއްޖެ ނަމަ އެކަމަށް ބިނާޚޮށް ގޮތެއް ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވީ ނަމަވެސް އެކަން ކުރަން އެންމެ ރަނގަޅު ގޮތަކީ މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދީފައި ކަމަށާއި، މީގެ ކުރިންވެސް ޓެޓްރާހައިޑްރޯ ކެނަބިނޯލާއި ކެނަބިނޯލް ފެނިގެން ޕީޖީން އެއީ ކެނަބިސް ކަމަށް ބަލައިގެން ދައުވާ ކޮށްފައިވާއިރު، އެ މައްސަލަތައް ސުޕްރީމް ކޯޓާއި ހިސާބަށްވެސް ގޮސްފައި އެބައޮތް ކަމަށާއި، އެހެންވެ އެ ދައުވާތައް ސައްހަވާނެ ކަމަށް ހުކުމްގައިވެއެވެ.
އެހެންކަމުން، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލަ އަލުން ބެލުމަށް ފަނޑިޔާރު ހުސައިން މަޒީދު ރިޔާސަތު ބެލެހެއްޓެވި މައްސަލާގައި ނިންމެވި ނިންމެވުމަށް، ބެންޗުގެ ބާކީ ތިއްބެވި ފަނޑިޔާރުންވެސް ތާއީދު ކުރެއްވިއެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.