އާންމު ތަންތަނުގައި މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ގޮވުމާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނާމެދު ދޮގު މައުލޫމާތު ފެތުރުމަކީ ކުށަކަށް ހެދުމަށް ކަނޑައަޅައި ނަފުރަތުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުމެވެ.
ދެ ބިލުގައި ހުރި އިސްލާހުތައް އެއްކޮށްލައި އެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމައި ތަޅުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ފޮނުވައިފައެވެ.
ކޮމިޓީން ބިލަށް ގެނައި އެއް ބަދަލަކީ އިސްލާމް ދީނުގެ އުސޫލުތައް ބަޔާން ކޮށްދިނުމަކީ ކުށަކަށް ނުވާނެ ކަން ބަޔާން ކުރާ މާއްދާއެއް ބިލަށް އިތުރު ކުރުމެވެ. މި ގޮތުން ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ބަޔާން ކުރުމާއި މުންކަރާތްތައް ނަހީކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި އޭގައިވެއެވެ.
މީގެ އިތުރުން މީހަކު ކުފުރު ކުރުމުގެ ކުށް ތަފްސީލްކޮށް، ޖިނާއީ ކުށަކަށް ވުމަށް ހާލަތްތަކާއި ޝަރުތުތަކެއް ހިމަނާފައި ބިލަށް އެ ބައިތައް އިތުރުކޮށްފައިވެއެވެ.
އޭގެ ފުރަތަމަ ހާލަތަކީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލަައެއްގައި އޭގެ ތެރެއިން އަހުލުއް ސުންނާ ވަލް ޖަމާއާގެ މުއުތަބަރު ރައުޔަކާ ހިލާފު ނުވާ ގޮތަށް ދައްކާ ވާހަަކައަކާ ގުޅުވާ ތުހުމަތު ކުރާ ހާލަތެވެ. އެ ހާލަތުގައި އެމީހާ ދެއްކި ވާހަކަޔާ ގުޅުވާ އޭނާއަކީ އިސްލާމްދީނާ ޚިލާފަށް، އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްްމު ތަނެއްގައި ސިފަކުރުމަކީ ކުށެކެވެ.
ދެވަނަ ހާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު ކާފަރެއް ނުވަތަ މުރުތައްދެއްގެ ގޮތުގައި ސިފަކުރާ ހާލަތެވެ.
ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފަހުން އަނެއްކާވެސް އަނބުރާ ކޮމެޓީއަށް ފޮނުވާލީ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އެބިލާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހުން ވަަނީ އަލުން އިސްލާހުތަކެއް ވެސް ފޮނުވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.