މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން ދިފާއުވުމަށް ޗައިނާއިން އެގައުމުގެ އާބާދީގެ 75 އިންސައްތަ މީހުންނަށް ވެކްސިނުގެ ދެ ޑޯޒް ޖަހައިފިއެވެ.
ޗައިނާގައި ވެސް މި ބަލި ހަލުވިކަމާއެކު ފެތުރެމުން ދާއިރު މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އެގައުމުގައި ވަނީ މި ބައްޔާ ދެކޮޅަށް އަޅާފައެވެ. އެގައުމުގައި ބައްޔާ ދެކޮޅަށް ވެކްސިން ދިނުމުގެ ކެމްޕޭން ފަށާ، ބާރު ސްޕީޑެއްގައި އެކަން ކުރިއަށް ދާއިރު އެގައުމުން މިހާތަނަށް 2.1 ބިލިއަން ޑޯޒް ޖަހާފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ ބުނެފައެވެ.
ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ބުނީ އޭގެތެރެއިން 1.072 ބިލިއަން މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށާ 37.97 މިލިއަން މީހުންނަށް މިހާތަނަށް އައިއިރު ބޫސްޓާ ޝޮޓް ޖަހާފައިވާ ކަމަށެވެ.
ކޮވިޑުން ދިފާއުވުމަށް ޗައިނާއިން ހަރުދަނާ އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އެގައުމުން ވަނީ ބައްޔާ ދެކޮޅަށް ދެ ވެކްސިނެއް އުފައްދާ އެގައުމުގައި ބޭނުން ކުރަން ފަށާފައެވެ. މީގެ އިތުރުން މި ވެކްސިން އެހެން ގައުމުތަކަށް ވެސް ފޯރުކޮށްދެމުން ދާއިރު އެގައުމުން ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ މައިގަނޑު ދެ ވެކްސިނަކީ ސިނޮވެކް އަދި ސިނޮފާމް ވެކްސިނެވެ.
އެ ގައުމުގައި މި ދެ ވެކްސިން ވެސް ބޭނުން ކުރަމުން އަންނައިރު ދެ ވެކްސިނަކީ ވެސް އުމުރުން ތިން އަހަރުން މަތީގެ ކުދިންނަށް ޖެހުމަށް ހުއްދަ ދީފައިވާ ދެ ވެކްސިނެވެ.
ޗައިނާގައި މިހާތަނަށް 97,734 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު ޖުމްލަ 91,929 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ. މި ބަލީގައި އެގައުމުން 4,636 މީހަކު ވަނީ މަރުވެފައެވެ.