އއ. މަތިވެރީގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކާސާ މިއާ ގެސްޓްހައުސްގައި ހިންގި މާރާމާރީ އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ އަލީ އަސްރާރާއި، މުޚްލިސް އަބްދުލް އަޒީޒެވެ. މީގެ ތެރެއިން އަލީ އަސްރާރަކީ ޖާބިރުގެ އެއްބަނޑު ކޮއްކޮއެވެ

މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "ދަ ޕްރެސް" އަށް މީގެ ކުރިން ވިދާޅުވީ، އެ ރަށުގެ މީހަކަށް ޖާބިރު ވަނީ ގުޅައި، އޭނާގެ ކާސާ މިއާ ގެސްޓްހައުސަށް ގެންގޮސް އެމީހާގެ ގައިގައި ތަޅާ އަނިޔާކޮށްފައިވާ ކަމަށާއި، އެމީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާއިރު، އޭނާގެ މެޑިކަލް ރިޕޯޓުވެސް ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

ނަމަވެސް، މި ވާހަކަތައް ދޮގު ކުރައްވާ، ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އޭނާ އެވަގުތު ހުންނެވީ ފެރިދޫގައި ކަމަށާއި، އެފަދަ ކަމެއް ކުރިނަމަ އޭނާގެ ސެކިއުރިޓީއަށްވެސް އެނގޭނެ ކަމަށެވެ. އަދި އަސްލަމް އެފަދަ ވާހަކައެއް ވިދާޅުވީ އޭނާއާ ޒާތީވެގެން ކަމަށާއި، އަސްލަމް އޭނާގެ ވިޔަފާރި ހަލާކުކޮށްލަން އުޅުއްވާ ކަމުގެ ތުހުމަތު ކުރެއްވިއެވެ.

ޖާބިރު މިހެން ވިދާޅުވިއިރު، އަންނަ މަހުގެ ފުރަތަމަ ދުވަހު އަލުން ހުޅުވަން ހަމަޖެހިފައިވާ ކާސާ މިއާ ގެސްޓްހައުސްގައި މިވަނީ ތިން އަހަރު ފަހުން އަނެއްކާވެސް ރޯކޮށްލާފައެވެ.

މި މައްސަލާގައި ފުލުހުން ބުނީ، މަތިވެރީގައި ކަރަންޓު ބޯޑެއްގައި އަލިފާން ރޯވެގެން ރޭ ފަތިހު ފަހެއް ޖަހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ

ޖާބިރުގެ ގެސްޓްހައުސް ކުންފުނިން ހިންގާ ކާސާ މިއާ ގެސްޓްހައުސް ހިންގަން މަތިވެރިން އޭނާއަށް ބިމެއް ދޫކުރީ 2019 ގައެވެ. ޖާބިރަށް އެތަން ކުއްޔަށް ދިންތާ ދެ އަހަރު ވީއިރު، އެތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 4.7 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް، އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން، މަތިވެރީގެ ގިނަ ބަޔަކު ވަނީ މިދިޔަ ސެޕްޓެމްބަރުގައި ޖާބިރު އެ ރަށަަށް ވަޑައިގަތުމުން، އޭނާ އާ ދެކޮޅަށް މުޒަހާރާކޮށް، ޝުއޫރު ފާޅުކޮށްފައެވެ.