"މިނިވަންކަމުގެ ހިނގާލުން" މި ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވަން އުޅުނު ހިނގާލުން ފަސްކުރުމަށް ފަހު މި މަހުގެ 12 ވާ ހުކުރު ދުވަހު ހަވީރު ބާއްވަން ނިންމައިފިއެވެ.

އެ ކޯލިޝަނުން މި ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހުގެ ހަވީރެވެ. އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެ ޖަލްސާ ވަނީ ފަސްކޮށްފައެވެ.

އިދިކޮޅު ކޯލިޝަންގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މީ ގައުމީ އިހުތިޖާޖެއް ކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ މި ހަރަކާތްތައް ހިނގަން ޖެހިފާ މިވަނީ ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގުތައް ނިގުޅައިގަނެ ޖުޑިޝަރީ އާއި އަދުލު އިންސާފަށް ބާރު ފޯރުވާ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އަޑި ނޭނގޭ އެގްރިމެންޓުތައް ހަދަމުންދާތީ ކަމަށެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް އިދިކޮޅުން ވަނީ މާލޭގައި ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުމުގައިވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެއެވެ.

މިއަންނަ ހުކުރު ދުވަހު ހިނގާލުން ފެށޭނީ ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށް އެ ކޯލިޝަަނުން ބުނެފައިވެއެވެ. އެ ކޯލިޝަނުން ދޭތެރެއިން ދޭތެރެއިން ދަނީ އެކި ނަންނަމުގައި ހިނގާލުންތަކާއި އިވެންޓްތައް ބާއްވަމުންނެވެ.