ފާމަސީތަކުގައި އަސާސީ ބޭސް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފާމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާ އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ އާންމުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެން ކަމުން އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާމަސީތަކަށް އިލްތިމާސް ކުރާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އަދި އޯވާ ދި ކައުންޓާ މެޑިސިން (އޯޓީސީ) ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްތްރީން ބުނީ އަސާސީ ބޭސް ފާމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ފާމަސީގައި ލިބެން ހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް (ބާކީ ހުރިވަރު އިނގޭ ގޮތަށް) އެމްއެފްޑީއޭއަށް ލިޔުމުން ހުށަހަޅަންވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ފާމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައިވާ ބޭސްތައް ފާމަސީތަކުގައި ބަހައްޓާފައި ނުވާނަމަ، ބޭހާއި ބެހޭ ގަވާއިދު އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.