އަވަށްޓެރި ސްރީލަންކާގައި އަންނަ ހަފްތާގައި ފަށާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ މުބާރާތުގައި ބައިވެރިވުމަށް، ދިވެހި ގައުމީ ފުޓްބޯޅަ ޓީމް މިއަދު ލަންކާ އަށް ފުރައިފިއެވެ.

ބަންގްލަދޭޝް އާއި ލަންކާގެ އިތުރުން ސީޝެލްސްވެސް ބައިވެރިވާ މި މުބާރާތުގައި ކުޅުމަށް ގައުމީ ޓީމާއެކު ހެޑް ކޯޗެއްގެ ގޮތުގައި ފުރާފައިވަނީ ޓީމާ އަލަށް ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއެވެ.

މީޑިއާ ތަކާއި ވާހަކަ ދައްކަމުން، މޮރިއޭރޯ ބުނީ، އެ މުބާރާތުގައި ރާއްޖޭގެ ފެންވަރު ވަޒަން ކުރެވޭނެ ކަމަށާއި، އަމާޒަކީ ރާއްޖެ ވަރުގަދަ ޓީމަކަށް ހެދުން ކަމަށެވެ. އަދި ޓީމުގެ ފިޒިކްސް އާ ޓެކްޓިކަލް ޕްލޭނަށް މަސައްކަތް ކުރުމަށް އިސްކަންދީފައިވާނެ ކަމަށްވެސް ބުންޏެވެ.

މި މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ ނުކުންނާނީ މިމަހުގެ އަށްވަނަ ދުވަހު ލަންކާ އާއި ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ބަންގްލަދޭޝް އާ ދެކޮޅަށް ނުކުންނައިރު، އެ މެޗަށް ފަހު ނުކުންނާނީ ސީޝެލްސް އާ ދެކޮޅަށެވެ. އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދާއިރު، ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ގައެވެ.

ރާއްޖޭގައި މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން ބަންގްލަދޭޝް އާއި ލަންކާ އާއި އެއްކޮށް ކުޅެ، އެ ދެ މެޗުން މޮޅުވިއިރު، ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕުން ކެޓީ، ފަހު މެޗުގައި އިންޑިއާ އަތުން ބަލިވުމުންނެވެ.