އަމިއްލަ ކުންފުންޏަކުން ކޮށްދީފައިވާ މަސައްކަތުގެ ބަދަލަށް 3.3 މިލިއަން ރުފިޔާ ދިނުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އޮކްޓޯބަރު 3، 2019 ގައި ޖޭއެމްޖޭ އިންވެސްޓްމެންޓްގެ ވެރިޔާ، ޔާސިރާ ޔޫސުފް ޕީއެސްއެމްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ޕީއެސްއެމްއާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ރޭޑިއޯ ބިލްޑިން އިމާރާތުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ އެ ފައިސާ ހޯދުމަށެވެ.

ކޯޓުގައި ޕީއެސްއެމްން ބުނެފައި ވަނީ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، އެ މަސައްކަތް ޖޭއެމްޖޭއިން ކުރިއަށް ގެންގޮސްފައިވާކަން ސާބިތުކުރުމަށް އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަދި ބަދަލު ހޯދަން އެދިފައިވާ އަގަކީ އެ މަސައްކަތްތަކާ އެކަށޭނަ އަގެއް ވެސް ނޫން ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ މަސައްކަތްކޮށްދީފައި ނުވާ ކަމަށް ޕީއެސްއެމްއިން ހިލާފުވެފައި ނުވާ ކަމަށެވެ. އަދި ޔާސިރާގެ ފަރާތުން ހުށަހެޅި ދެ ޝަފަވީ ހެކިންގެ ހެކިބަހުން ވެސް އެ މަސައްކަތް ކޮށްދިނީ ޖޭއެމްޖޭއިން ކަން އެނގޭ ކަމަށެވެ.

އެހެންކަމުން އެ ފައިސާ އަކީ ޕީއެސްއެމްއިން ޖޭއެމްޖޭ އަށް ދޭން ޖެހޭ ފައިސާ ކަމަށް ކަނޑައަޅައިގައި، 3.3 މިލިއަން ރުފިޔާ ހަތަރު މަސް ތެރޭގައި ދައްކާ ހަލާސް ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.