ނުކުޅެދޭ މީހުންނަކީ ބޭނުން ހިފޭ ބަޔަކަށް ހަދަން އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ތަފާތު ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލް ކަމާއި ފުދުންތެރިކަން އެބަހުރި ކަމަށާއި ބޭނުންވަނީ އެކަންކަން ރަނގަޅަށް ތަރުތީބު ކޮށްގެން ހިންގުން ކަމަށެވެ. އަދި އެ ކުދިންނަށްޓަކައި ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނާއި ހުނަރު ދީގެން މުޖުތަމުގައި ބޭނުން ހިފޭނެ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވީ ލޯފަން ކުދިންގެ ޖަމްއިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން މާލޭގައި ކުރިއަށް ގެންދިޔަ އެ ސޮސައިޓީގެ އަހަރީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި އިމްރާން ވަނީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ވެބްސައިޓް ލޯންޗް ކޮށްދެއްވުމުގެ އިތުރުން އެ ޖަމްއިއްޔާގެ މަދަހަ އަލްބަމް ވެސް ނެރެދެއްވާފައެވެ.
އިމްރާން ވިދާޅުވީ ޔޫތް މިނިސްޓްރީއާ ގުޅިގެން ލޯފަން ކުދިންގެ ޖަމްއިއްޔާ އިން ކުރިއަށް ގެންދިޔަ ކޭމްޕަކީ އެތަށް ބައެއްގެ ހިތަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި ހުރިހާ މިނިސްޓްރީ ތަކާއި އަދި ދައުލަތުގެ ހުރިހާ މުއްސަސާތަކުން މިކަމާ އަޅާލުމަށް ވަރަށް ބޮޑު ސަމާލުކަމެއް، ލޯފަން ކުދިންގެ ޖަމްއިއްޔާގެ ފަރާތުން ގެނެސްދެވިދާނެ ކަމަށެވެ.
އިމްރާން ވަނީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އަޅާލުމަށްޓަކައި އެފަރާތްތަކަކީ މުޖުތަމައުގެ ފުރިހަމަ ބައިވެރިންގެ ގޮތުގައި ހެދުމަށް ސަރުކާރުގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކަށް، ރައީސް ސޯލިހަށާއި ޔޫތް މިނިސްޓަރު މަހުލޫފަށް ޝުކުރު އަދާ ކުރައްވާފައެވެ.