މިއަދު އެމްޓީސީސީގެ ވިސްނުމާއި ފިކުރަކީ ވަގުތު ބޭކާރު ނުކޮށް ވަގުތައް މަސައްކަތްތައް ނިންމުން ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިއަދު އެމްޓީސީސީގެ ވިސްނުމާއި ފިކުރަކީ ވަގުތު ބޭކާރު ނުކޮށް ކުރިއަށް ހުރި މަސައްކަތްތައް ކޮށް ނިންމުން ކަމަށެވެ.

"އަޅުގަނޑުމެން ހެނދުނު އޮފީހަށް އައިސް ކޮފީއަކަށް ނުދާނަން. އަޅުގަނޑުމެން ހެނދުނު އޮފީހަށް އައިސް ސަޔަކަށް ނުދާނެ. މިއަދު އަޅުގަނޑުމެން އޮފީހަށް އައިސް މަސައްކަތްކުރާނީ"
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވިދާޅުވީ އެމްޓީސީސީގެ މިއަދުގެ ސަގާފަތަކީ އަހުލާގު ރަނގަޅު މުވައްޒަފުން އުފައްދާ، އެ މުވައްޒަފުނަކީ އޮފީހުގެ ހުރިހާ ގަޑިއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގޮތުގައި ހެދުން ކަމަށެވެ. އަދި މިއަދު މުވައްޒަފުން އަހުލާގީ މިންގަނޑު ރަނގަޅުވި ވަރުން ކުންފުނީގެ އުފެއްދުންތެރިކަން ވަނީ އެތަށް ގުނައަކަށް އިތުރުވެގެން ގޮސްފައި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވުމުގެ ސަބަބުން ނިންމުންތައް އަވަސްވެގެން ދާ ކަމަށާއި އެއްމަސް ދުވަހުން ނިންމާ ނިންމުންތައް އެއް ދުވަހުން ނިންމޭ ކަމަށްވެސް އާޒިމްގެ ވާހަކައިގާ ފާހަގަ ކުރެއްވިއެވެ.