މިދިޔަ އަހަރު ށ. ބިލެތްފަހީގެ ފެނަކަ ބްރާންޗުން ކަނޑާލި މުވައްޒަފުންތަކެއްގެ ވަޒީފާތައް އަނބުރާ އިއާދަ ކުރުމަށް، ވަޒީފާ އާ ބެހޭ ޓްރެބިއުނަލުން ފެނަކައިގެ މައްޗަށް އަމުރު ކޮށްފިއެވެ.

ޓްރެބިއުނަލުން ކުރި އަމުރުގައި ވަނީ، އެއްވެސް ސަބަބެއް ނާންގައި ވަޒީފާއިން އެކަހެރި ކުރުމަށްފަހު ވަކިކުރި އެ ހަތަރު މުވައްޒަފުންގެ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށާއި، އޭގެ ތެރެއިން ކޮންމެ މުވައްޒަފަކަށްވެސް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދިނުމަށް އަންގާފައެވެ.

އެ މުވައްޒަފުން ވަޒީފާއިން އެކަހެރި ކުރުމަށްފަހު ވަކިކުރި ފަހުން ފެނަކައިން ބުނީ، އެ މުވައްޒަފުން ވަނީ ފެނަކައިގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށެވެ.

ފެނަކައިގެ ވަޒީފާއިން ވަކިކުރި ހަތަރު މުވައްޒަފުން:

  • އަލީ އަސްލަމް
  • އިބްރާހީމް އަތީފް
  • އިބްރާހީމް މޫސާ
  • އަބްދުﷲ ރަޝީދު

ފެނަކައިގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ތަކަކަށް ވަޒީފާ އަނބުރާ ދިނުމަށް ޓްރެބިއުނަލުން އަންގާފައި ވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް، އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރި މުވައްޒަފުންނަށް މުސާރައާ އެކު ވަޒީފާ ދިނުމަށް ޓްރެބިއުނަލުން ވަނީ މިދިޔަ އޭޕްރިލް މަހު ހުކުމް ކޮށްފައެވެ.