ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި 2015 ވަނަ އަހަރު ކުރިއަށް ގެންދިޔަ އދގެ މޫސުމީ ބަދަލުތަކާ ބެހޭ ބައްދަލުވުމުގައި އެކުލަވާލި ޕެރިސް އެގްރީމަންޓަކީ، މި ފަހުގެ ތާރީހުގައި ތިމާވެށީގެ ރޮނގުން އެކުލަވާލި އެންމެ ކާމިޔާބު އެއް އެއްބަސްވުމުގެ ގޮތުގައި ސިފަކުރެވޭ އެއްބަސްވުމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ލީޑަރުންގެ އިއްތިފާގުން އެއްބަސްވުން ފާސްކުރެއްވި ކަމުގައި ވީ ނަމަވެސް، އެ އެއްބަސްވުމަކީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތަކުގެ އޮނިގަނޑު ކަމުގައި ގަބޫލު ކުރެވުނު ތަންވެސް ވަނީ ފެނިފައެވެ.
ކަންމިހެން އޮތް އިރު، ތިމާވެއްޓާއި ތިމާވެއްޓާ ގުޅޭ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ބައިނަލްއަގުވާމީ އޮއެވަރު މަޑުޖެހުމާއެކު، ޕެރިސް އެގްރީމަންޓަށް އަމާޒުވި ސަމާލުކަން ކުޑަވެ، ދުނިޔޭގެ ފެންވަރުގައި އެކުލަވާލާފައި ވާ، ދިރުމެއް ނެތް، ސިޔާސީ ދެލިކޮޕީއަކަށް ވުމުގެ ނުރައްކާވެސް އޮތެވެ. އެހެނީ، މި އެއްބަސްވުމަކީ ގާނޫނީ ގޮތުން ބައެއްގެ މައްޗަށް ކަމެއް ލާޒިމު ކުރުމުގެ ބާރު ލިބިފައިވާ އެއްބަސްވުމަކަށް ނުވުމެވެ. މިކަމުގައި އޮތީ އިހުލާސްތެރިކަމާއެކު އަނެކުންނަށް އެއްބާރުލުން ދިނުން ކަމުގައި ވުމެވެ.
2015 ވަނަ އަހަރުގެ ބައްދަލުވުމަށްފަހު އެންމެ ހަރު އަޑުން ވަކާލާތު ކުރަމުން ދާ އެއް ދައުވާއަކީ، 2100 ވަނަ އަހަރު އަންނަ އިރު ދުނިޔެ ހޫނުވާ މިންވަރު، 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ އިތުރުވިޔަ ނުދިނުމަށް ގައުމުތަކުން މަސައްކަތް ކުރުވުމަށް ގޮވާލި ގޮވާލުމެވެ. މިއީ ރާއްޖެ ފަދަ ކުޑަ، ޖަޒީރާ ގައުމަކަށް އިންތިހާއަށް މުހިންމު ކަމެކެވެ. ދުނިޔޭގެ ފިނިހޫނުމިން، އިންތިހާއަށް މަތިވާން ވެއްޖެނަމަ، ރާއްޖެ ފަދަ ގައުމެއްގެ މުސްތަގުބަލު ކަފުންވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ތަކުރާރުކޮށް އިންޒާރު ކުރައްވަމުންނެވެ.
ދުނިޔެ ހޫނުވަމުން ދާ ދިއުމާ، ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރާއި، ކަނޑުތަކުގެ ފިނިހޫނުމިން މަތިވާ މިންވަރު، އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރު ވަމުން ކަމީ، ހަނދާން ނައްތާލެވެން އޮތް ހަގީގަތެއް ނޫނެވެ. ރެކޯޑް އަދަދަކުން ކޮންމެ އަހަރަކުވެސް މި ހިސާބުތައް ޖަހަމުން ދާއިރު، ކަނޑުގެ ލޮނުގަނޑުވެސް ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަށް އުފުލިފައެވެ. ރާއްޖޭގެ އެކި ރަށްރަށަށް ކުރިމަތިވަމުން އަންނަ ރަށް ގިރުމާއި އުދަ އެދުމުގެ ހާދިސާތަކުން މިކަމަށް ބާރު ދެއެވެ.
މޫސުމީ މައުލޫމާތު ރެކޯޑް ކުރަން ފެށީއްސުރެ އަދާ ހަމައަށް އައި އިރު، 2020 ވަނަ އަހަރަކީ އޭޝިއާ ބައްރު ދުށް އެންމެ ހޫނު ގަދަ އަހަރު ކަމަށް އދއިން ވަނީ ބުނެފައެވެ. މޫސުމަށް އަންނަމުން ދާ އާދަޔާ ހިލާފު ނޭދެވޭ ބަދަލުތަކާއި ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، އޭޝިއާގެ ބައްރުގެ ތަރައްގިއަށްވެސް އެކަމުގެ އަސަރު ފޯރަމުން އަންނަ ކަން އދއިން ވަނީ ފާހަގަ ކޮށްފައެވެ. ދައުލަތުގެ ބަޖެޓުން އެތައް ހޭދައެއް ކޮށްގެން ތަރައްގީ ކޮށް ނިންމާ ބޮޑެތި މަޝްރޫއުތައް، ލޯ ކުރިމަތީ ވިއްސިވިހާލިވި މަންޒަރު، ހުދު ދިވެހިންވެސް ތަޖުރިބާ ކޮށްފިއެވެ. އަމިއްލަ ކޮނޑުގައި ގާ އުފުލައިގެން އެޅި ގެއާ ހިސާބަށް ކަނޑުގެ ލޮނުގަނޑުގެ ކެކިގެން އައި މަންޒަރު ދުށް މީހުން އެބަ ތިއްބެވެ.
އާންމު ދިރިއުޅުމާ ގުޅިފައިވާ ކަނޑުފަރުގެ ދިރުންތައް ނެތިގޮސް، ސީދާ ގޮތުންނާއި ނުސީދާ އަސަރު ތަހައްމަލު ކުރަމުންދާ އެތައް ބަޔަކު، ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ އެކި ހިސާބުތަކަށް ވަނީ ފެތުރިފައެވެ. ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކުގެ ސަބަބުން ސާފުބޯފެން ފަށަލަ ތަޣައްޔަރުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް އެކަމުގެ އަސަރު ފޯރާފައި ވާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ނުރައްކާ އިންތިހާއެވެ.
މޫސުމާ ބެހޭ އދގެ އިދާރާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ކޮންމެ އަހަރަކުވެސް ޝާއިއު ކުރަމުން އަންނަ، "ސްޓޭޓް އޮފް ދަ ކްލައިމެޓް އިން އޭޝިއާ"ގެ މި އަހަރުގެ އަދަދު ބުނާ ގޮތުން، އޭޝިއާ ބައްރުގެ ހުރިހާ ހިސާބަކަށް މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ވަނީ ފޯރާފައެވެ.
ޑަބްލިއުއެމްއޯއިން ބުނީ މޫސުމީ އިންތިހާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ގެއްލުމާ، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލުމުގެ އިތުރުން، އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ގެއްލުމާ އޭޝިއާ ބައްރަށް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ތިމާވެށީގެ ނިޒާމްތަކާއި އުމްރާނީ ބިނާވެއްޓަށް ލިބުނު ގެއްލުންތައްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
ދެމެހެއްޓެނިވި ތަރައްގީއަށް ނުރައްކާ ކުރިމަތިވެފައި ވާ ކަމަށާ، ކާބޯތަކެއްޗާއި ފެނުގެ ކަށަވަރުކަން ކުޑަވެ، ސިއްހީ ނުރައްކާތައް އިތުރުވެ، ތިމާވެށި ހަލާކުވެ ދިއުން އިތުރު ވެފައި ވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.
މި ދަނޑިވަޅަކީ 1.5 ޑިގްރީ ސެލްސިއަސްގެ ހައްދުގެ އަޑު އަނެއްކާވެސް ގަދަވެފައި ވާ ދަނޑިވަޅެކެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ އދގެ ބައްދަލުވުން ނުވަތަ ކޮޕޮ26، އިނގިރޭސިވިލާތުގައި ފަށައިގެން ކުރިއަށް ދާ އިރު، ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވަނީ ފޮނި އުއްމީދުތަކަކާ އެކުގައެވެ. ވަރުގަދަ އަޒުމަކާވެސް އެކުގައެވެ. އެގޮތުން، ތިމާވެށީގެ މައްސައްލަ ހައްލު ކުރުމަށް ބޮޑެތި ގައުމުތަކުން ކުރާ ހޭދަ އިތުރު ކުރުމަށް ވަކާލާތު ކުރުމާ، ކުދި ގައުމުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާ، ދުނިޔޭގެ ފިނި ހޫނު މިން އިތުރުވާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް، ޓެކްނޮލޮޖީއާއި މާލީގޮތުން ކުރިއަރާފައި ގައުމުތަކުން ކުރަންޖެހޭ ކަންކަން އިތުރު ކުރުމަށް އެއްބަސް ކުރުވުމަށް ދިވެހިރާއްޖެ ވަނީ އަމާޒު ހިފާފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަ ދައްކަވަމުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވެސް ވަނީ، ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ގޮވައިލައްވާފައެވެ. އެގޮތުން، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަގުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ޖައްވު ހޫނުވުމަށް މަގިފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަން ޖެހޭ ކަމަށް، އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުވެސް ވަނީ ގޮވާލައްވާފައެވެ.