ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލަ އިތުރު ދަޢުވާތަކާއެކު އަލުން ޕީޖީއަށް ފޮނުވާފައި ވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފިއެވެ.

އޭސީސީން ބުނީ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާފައިވާ މައްސަލާގައި 11 ފަރާތެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ކުރިން ފޮނުވި މައްސަލައާ ގުޅިގެން، ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން އެކޮމިޝަނުގެ ނިންމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އަލުން ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

އެކޮމިޝަނުން ބުނީ މިމައްސަލަ އަލުން ޕީޖީ އަށް ފޮނުވި އިރު، މިމައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދަޢުވާތަކެއް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުން ވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަންގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އެދިފައިވާނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ މައްސަލަ ޕީޖީ އަށް ފޮނުވި އިރު ހިމެނޭ 11 ފަރާތަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަ ނުވާ ކަމަށެވެ.

އެކޮމިޝަނުން ބުނީ މިމައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކާ ގުޅުން ހުރި ފަރާތަކަށް، މި މައްސަލައާ ގުޅުން ހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަހުގީގު ވަކިން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ގެނައި މައްސަލައިގައި މީގެ ކުރިން ދައުވާ ކުރަން އޭސީސީން ހުށަހެޅި މީހުންގެ ތެރޭގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތް މިނިސްޓްރީގެ އިސް ބައެއް އޮފިޝަލުން ހިމެނެއެވެ.