މިއަދުން ފެށިގެން ކުއްޖާއަށް 28 ދުވަސް ވުމުން އާސަންދަ ހޯދަން އައިޑީކާޑު ބޭނުންވާނެ ކަމަށް އާސަންދައިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން، ޖެނުއަރީ 1، 2020 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހު ވެސް މަންމަގެ އައިޑީކާޑުން ހިދުމަތް ދެވޭނެ ގޮތް ވަނީ ހަދާފައެވެ.

ނަމަވެސް މިއަދުން ފެށިގެން ކުރިން ވެސް އޮތް އުސޫލާ އެއްގޮތަށް، އަލަށް އުފަންވާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުގައި، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ލިބޭނީ ވަކި އައިޑީ ކާޑެއް ކުއްޖާއަށް ހައްދައިގެން ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ، ހިދުމަތް ހޯދާއިރު އައިޑީކާޑު ފަދަ ތަކެތީގެ ކޮޕީއާއި ފޮޓޯއަށް އާސަންދައިގެ ދަށުން ހިދުމަތް ދިން ނަމަވެސް އެ ކުންފުނީގެ އުސޫލަކީ އެ ތަކެތީގެ އަސްލު ގެންދިއުމުން ހިދުމަތް ދިނުން ކަމަށެވެ.

އެހެންކަމުން، ހިދުމަތް ހޯދުމަށްޓަކައި ކާޑުގެ އަސްލު ދެއްކުމަށް އާސަންދައިން ވަނީ އެދިފައެވެ.

މަންމަގެ އައިޑީކާޑު ބޭނުން ކުރެވޭ ގޮތަށް މީގެ ކުރިން ލުއި ދިނީ، ކޮވިޑާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނެސް، ފަސޭހައިން އައިޑީކާޑު ހެއްދުމަށް ދަތިވާނެތީ ކަމަށް އާސަންދައިން ބުނެއެވެ.