ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމަށް މެދުވެރިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އަސްލީ މަންޒިލަކީ ލެބެއް ކަމަށް ބުނާ އެމެރިކާގެ ޖާސޫސީ ރިޕޯޓަކީ ސައެންސްގެ ރޫހާ ހިލާފު، އަދި އެއްވެސް ވަރެއްގެ ސައްހަ ކަމެއްވެސް އޭގައި ނުވާ ރިޕޯޓެއް ކަމަށް، ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު، ވޭންގް ވެންބިން ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީއިން އެންމެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރަން ފެށި ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އެމެރިކާއިން ހިންގި ޖާސޫސީ ތަހުގީގުތަކުގެ ރިޕޯޓް އަޕްޑޭޓް ކޮށް، އާދީއްތަ ދުވަހުން ހާމަކޮށްފައި ވާއިރު، މި ވައިރަހަކީ ގުދުރަތީ ގޮތުން އުފެއްދުނު ވައިރަހެއް ކަމަށް ބެލުމާއި، މިއީ ލެބަކުން ލީކުވީ ވައިރަހެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.
މި ރިޕޯޓަށް ރައްދު ދެއްވަމުން ވޭންގް ވިދާޅުވީ ކިތަންމެ ވަރަކަށް ދޮގެއް ތަކުރާރު ކުރި ކަމުގައި ވީ ނަމަވެސް، އެ ދޮގެއް ވާނީ ހަމަ ދޮގަކަށް ކަމަށެވެ. އަދި އެމެރިކާގެ ޖާސޫސީ ހިދުމަތަކީ، އޮޅުވާލުމާއި ހީލަތްތެރިކަމުގެ ސިފަ ލިބިގެންވާ ހިދުމަތެއް ކަމަށްވެސް ވޭންގް ވަނީ ތުހުމަތު ކުރައްވާފައެވެ.
ކޮވިޑްގެ އަސްލު ދެނެގަތުމަކީ ސީރިއަސް، އަދި ބޮޑު ކަމެއް ކަމަށާ، މިކަން ކުރަން ވާނީ ބައިނަލްއަގުވާމީ ސައެންސްވެރިން ގުޅިގެން ކަމަށް ވޭންގް ވިދާޅުވިއެވެ.
އަދި ޗައިނާއިން ތުހުމަތުތަކެއް އަމާޒު ކުރާ އެމެރިކާގެ ފޯޓް ޑެޓްރިކް ލެބް، ބައިނަލްއަގުވާމީ ތަޖުރިބާކާރުންނަށް ހުޅުވާލުމަށް ޗައިނާއިން ގޮވާލަމުންދާ ގޮވާލުންވެސް ވޭންގް ވަނީ ތަކުރާރު ކުރައްވާފައެވެ.
ޗައިނާއިން ދަނީ ކޮވިޑްގެ އަސްލަކީ އެ ގައުމު ކަމަށް ބުނެ އެކި ފަރާތްތަކުން އަމާޒު ކުރާ ފާޑުކިއުންތަކަށް އިންކާރު ކުރަމުންނެވެ.