ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މީގެ ކުރިން ރާއްޖޭގެ އެންމެ އިސް ވެރިޔަކު ކްލައިމެޓް ޗޭންގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައިވަނީ މީގެ 12 އަހަރު ކުރިން ކަމަށެވެ.
ކޮޕް20ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތެއެއް ކަމަށާ މާދަމާ އޮންނަ ތިމާވެށްޓާގުޅޭ ކޮޕް26 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ 2019 ވަނަ އަހަރު ރާއްޖެއިން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގްވާމީ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯ އަށް ހެދުމަށް އަމާޒު ހިފާފައިވާކަން އިއުނުކޮށްފައިވާ ކަމަށެވެ.
މިގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ރާއްޖޭގެ އިސްނެގުމާއެކު ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައި ތަފާތު އެކި ހަރަކާތްތައް ރާއްޖެއިން ހިންގަމުންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ހާއްސަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.