ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ރައުޝާން ޖިއާން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

7 އަހަރުގެ ޖިއާން ޑިސެމްބަރު، 16، 2018 ގައި މަރުވީ އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ވަރަށް ބޮޑަށް ޒަހަމްވުމުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލާގައި ބަދަލު ހޯދަން ޖިއާންގެ މައިންބަފައިން ދައުވާ ކުރުމުން ސިވިލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަނުން ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލަ ނިމެންދެން ދަށު ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ.

ހައިކޯޓުން މިއަދު ނިންމާފައި ވަނީ ދަށު ކޯޓުން ނިންމި ނިންމުމާ ގުޅޭ އިސްތިއުނާފީ މައްސަލަ ބަލައި ނިމެންދެން ނުވަތަ އެ މައްސަލާގައި ކަންކުރަންވީ އެ ނޫން ގޮތެއް ހައިކޯޓުން އަންގަންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް އެއްވެސް ކަމެއް ނުކުރުމަށެވެ.

އެ ނިންމުން ނިންމި ސަބަބެއް ކަމަށް ހައިކޯޓުން ބުނީ އިސްތިއުނާފު ނިމުމުގެ ކުރިން ދަށު ކޯޓުގެ ހުކުމް ތަންފީޒުކޮށްފިނަމަ ޑަބްލިއު ކޮންސްޓްރަކްޝަނުގެ ހައްގުތަކަށް އުނިކަން އަންނާނެތީ ކަމަށެވެ.

އެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.