އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ހިމަނައި، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ސިއްހީ ދާއިރާގައި ސަރުކާރުގެ އެންމެ މައިގަނޑު އަމާޒަކީ ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށްޓަކައި، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި މަޝްރޫއުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތައް ވާނީ ފުޅާކޮށް ފެންވަރު ރަނގަޅުކޮށްފައި. އަދިވެސް އުމްރާނީ ގޮތުން މި ހޮސްޕިޓަލްތަކަށް އިންވެސްޓްކުރެވޭނެ. އަދި ފަސް ހޮސްޕިޓަލަކީވެސް އަމިއްލައަށް ހިންގާ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފެށިފަ." މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން، ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒުވެ، އާންމުންނަށް ހިދުމަތްތައް ދިނުމުގައި ކުރިއަށްވުރެ އަވަސްވެގެން ދާނެ ކަމަށްވެސް، މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، ބައެއް ސިއްހީ މަރުކަޒުތައް ހޮސްޕިޓަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށްވެސް މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި، 60 ރަށެއްގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވިގެން ދާނެ ކަމަށެވެ.
ހަމަ އެއާއެކު، ލ. އަތޮޅުގައި ސަރުކާރުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށްޓަކައި އަޅާ ހޮސްޕިޓަލްގެ މަސައްކަތްތައްވެސް މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި، "ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ފުޅާކުރުމަށާއި، އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތް ޕްރޮގްރާމްތައް ފެށުމަށާއި، އެމަޖެންސީ މެޑިކަލް ސާވިސް" ގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް ރާވާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމަ އެހެންމެ، ސިއްހީ ދާއިރާއަށް އަންނަ އަހަރު 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރަށްރަށުގައި ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ސަރުކާރުން ގިނަ މުވައްޒަފުންތަކަކަށް ޖާގަ ދެއްވާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"މީގެ ތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭ."
ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވަނީ 36.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.