ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ދެމުން ގެންދާ ކީމޯތެރަޕީގެ ހިދުމަތް ދިނުމުގެ ފަހުގެ ތައްޔާރީތައް ވެ އެ ހިދުމަތް ލިބުގަތުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

''ދަ ޕްރެސް'' އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ އެ ފަރުވާ ހޯދަން ބޭނުންވާ ފަރާތްތުން ނަންނޯޓު ކުރުމުގެ ފުރުސަތު އިއްޔް ހުޅުވާލައިފި ކަމަށެވެ. އަދި ޕޭޝަންޓުން ލިބެމުންދާ ވަރަކުން ކީމޯތެރަޕީގެ ހިދުމަތް ފަށާނެ ކަމަށާއި އެކަމަށް ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

މި ހިދުމަތުގެ ސަބަބުން އެ ފަރުވާއަށް ބޭނުންޖެހިފައި ވާ މީހުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކޮށް މޫސަ ވިދާޅުވީ މިއީ ކިތަންމެ މުހިންމު އަދި އެހާމެ ބޭނުންތެރި ހިދުމަތެއް ނަމަވެސް ރަށުން އެކަންކަން ނުވުމަކީ ރައްޔިތުން އެކަމުގައި ތަކުލީފު އުފުލަން ޖެހޭ ކަމެއް ކަމަށާއި މާލޭގައި ތިބެ އެ ހިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ރަށުން މިފަދަ ހިދުމަތެއް ދެވުމަކީ ރަށުގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓާޝަރީ ފެންވަރަކަށް ތައްޔާރު ކޮށްފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ 150 އެނދުގެ ސްޕާ ސްޕެޝަލްޓީ ހިދުމަތްތައް ގާއިމު ކޮށްފައިވާ ފެންވަރު ރަނގަޅު ހޮސްޕިޓަލެކެވެ.