ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދ. އަތޮޅު ހޮސްޕިޓަލް އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އަށެވެ. 181 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މި އިމާރާތަކީ 50 އެނދުގެ އިމާރާތެކެވެ.
މި އިމާރާތް ގާއިމްކުރަނީ މެމޮގްރަފީ ހިދުމަތް ލިބޭނެ ފެސިލިޓީ، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓާއެއް، ހޮސްޕިޓަލްގެ ސްޓާފުންނާއި އަތޮޅު ތެރޭގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ބޭނުންވާނެ ފެސިލިޓީތައް އަދި ޕްރައިވެޓް ރޫމް ފެސިލިޓީތަކާއެކުގައެވެ.ކުޑަހުވަދޫއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ އެމަޖެންސީ ހާލަތްތަކުގައި ކޭޓާކުރެވޭނެ އިމަޖެންސީ އީއާރެއް ވެސް ހޮސްޕިޓަލުގައި ގާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.
ހެލްތް މިނިސްޓްރީއިން ބުނީ މި އާ ހޮސްޕިޓަލް އިމާރާތްތައް ގާއިމްކޮށް ހިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ހިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
މި ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލެއް ކަމަށް ހެލްތް މިނިސްޓްރީއިން މައުލޫމާތު ދެއެވެ. އަދި ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ.
ހެލްތް މިނިސްޓްރީއިން ބުނީ ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އެޅިފައިވާނެ ކަމަށާއި ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވާބެކަޕް ސިސްޓަމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް ގާއިމްކުރެވިގެންދާނެ ކަމަށާއި ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓް ގާއިމްކުރެވިގެންދާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.