ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޓަކައި ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން ފަށަން ނިންމީ 2020 ވަނަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިނންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ޕްލޭންގައިވާ ގޮތުން މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ޓެކުހެއް ނަގަން ވަނީ ރާވާފައެވެ.

މި ޓެކްސް ނެގުމަށް އެ ޕްލޭންގައި ކަނޑައަޅާފައިވަނީ، ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވެސް ދެ ރުފިޔާއެވެ. މި ޓެކްސް ނަގަން ރާވާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި 2022 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެެވޭ ކަމަށެވެ.

ދައުލަތުން ހަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުން، ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން ފެށުން، ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފު ކުރުން އަދި ރިސޯޓު ތަރައްގީ ކުރުމަށް ރަށް ދޫކުރުން ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރު ކުރަން ހުށަހަޅާފައިވާ އައު ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.