ރަށްރަށަށް ފޮނުވުމަށް ރާއްޖެ ގެނެސްފައިވާ 20 އެމްބިއުލަންސް ރަށްރަށާ ހަވާލު ކުރަން އެސްޓީއޯއިން ފުރައިފިއެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި އެމްބިއުލާންސް ނެތުމުން ގާޑިޔާ، ބަރޯ ފަދަ ތަކެތީގައި މީހުން އުފުލުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ހެލްތު މިނިސްޓްރީ އަށް ފާޑުކިޔައިފައެވެ. މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ އިރު، މިފަހުންވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ އެމްބިއުލާންސްގެ މައްސަލާގައި ކުއްލި މައްސަލައެއްް ހުށަހަޅާފައެވެ.

އެސްޓީއޯއިން މިއަދު ބުނީ ރީޖަނަލް ރަށްތަކަށް މިއަދު އެމްބިއުލާންސް ފޮނުވާފައިވާ ކަމަށެވެ.

މިއަދު ރަށްރަށަށް ފޮނުވި 20 އެމްބިއުލާންސް

މިއަދު އެމްބިއުލާންސް ޕޮނުވާފައި ވަނީ ހއ. އުލިގަމު، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫއެވެ.

އެމްބިއުލާންސާ ގުޅޭ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހެލްތު މިނިސްޓްރީން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯ އާ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައެވެ. އޭގެ ތެރެއިން މިއަދު ރަށްރަށަށް ފޮނުވި 20 އެމްބިއުލާންސް ވެސް ގެނެސްފައި ވަނީ މިމަހުގެ 13 ގައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.