ކުރެއްދޫ ރިސޯޓާއި ގައުމީ ފުޓުބޯޅަ ޓީމު ބައްދަލުކުރި މެޗުން ގައުމީ ޓީމު މޮޅުވެ، 1.2 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް އިއްޔެ ހަވީރު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުޅުނު މި މެޗުގައި ގައުމީ ޓީމު މޮޅުވީ 7-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމަށް ތިން ލަނޑު ޖަހާދީފައިވާއިރު އަސަދުﷲ އަބްދުﷲ (އަސަކޮ) ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އަލީ ފާސިރު (ސެންޓޭ)އާއި މުހައްމަދު އުމެއިރު ވެސް ވަނީ މި މެޗުގައި ލަނޑު ޖަހާފައެވެ.

މި މެޗުގައި ކުރެއްދޫއިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ގުރޭޝް އަބްދުލް ރައްޒާގެވެ.

މި މެޗުން މޮޅުވުމާއެކު ގައުމީ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުއްޗުގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި ދިރާގުގެ ފަރާތުން ދިން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދިން އެއް ލައްކަ ރުފިޔާއެވެ.

މީގެ އިތުރުން މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ލިޓަސްއިން އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށަހެޅިއިރު، އެ އިނާމު ލިބިފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދަގަނޑޭ އަށެވެ. އަދި ސަންފްރަންޓުން ހުށަހެޅި ބެޓެރި ސައިކަލް ކުރެއްދޫގެ ކެޕްޓަން ގުރޭޝް އަބްދުލް ރައްޒާގަށް ލިބުނުއިރު ސަންފްރަންޓުން ދެން ހުށަހެޅި ބައިސްކަލް ކުރެއްދޫގެ ކޯޗު މުހައްމަދު އަބްދުލް ޣަނީއަށް ވަނީ ލިބިފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނީ ގައުމީ ޓީމަށް މި ލިބުނު ފައިސާ ބަހާލާނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަމައަށް ކަމަށެވެ.