ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަށް ކޮށްފައިވާ ތުހުމަތުތަކަކީ، ޒާތީގޮތުން ވަކި ކޮޅަކަށް ބުރަވެ، އޭނާގެ މައްޗަށް ކުރި ތުހުމަތުތަކެއް ކަމަށް ވިދާޅުވި ވިދާޅުވުމަށް، އެ ކޮމިޝަނުން ރައްދު ދީފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެޗްއާރުސީއެމުން ބުނީ، އެ ކޮމިޝަނުގެ ގާނޫނާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި ޒާތީ ގޮތުން އެއްވެސް ކޮޅަކަށް ބުރަނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށާއި، މައްސަލަތަައް ބެލުމުގައި އެކޮމިޝަނުން ގޮތް ނިންމަނީ ލިބިފައިވާ ހެކިތަކުގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާ އެކުގައި ކަމަށެވެ.
އެކޮމިޝަނުން ބުނި ގޮތުގައި، އެކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާކުރަން ފޮނުވި މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ބެލުމަށްފަހު، އެކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ މައްސަލައެއް ކަމަށާއި، އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އެ ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ.
އެ މައްސަލައަކީ 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައި ތިބި ކުދިންތަކަކަށް، ފުލުހުންނާއި ސިފައިންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހިންގި ހަރަކާތެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން ހަޑި ހުތުރު ބަހުން އެއްޗިހި ކިޔައި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެ ކުދިންނަށް އަނިޔާ ދީފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ.
އަދި އެ މައްސަލާގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު މި ކޮމިޝަނުން ހާމަ ކޮށްފައި ނުވާނެ ކަމަށާއި، އެ ފަރާތްތަކުގެ ހަބަރުތައް ގެނެސްދިނުމުގައި އެފަދަ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ގޮތަށް ހަބަރުތައް ގެނެސްދިނުމަށް، އެޗްއާރުސީއެމުން ވަނީ މީޑިއާއަށް އިލްތިމާސް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން، ޒެނީޝާގެ އިތުރުން، އެޗްއާރުސީއެމުން ދެން ދައުވާކުރަން ފޮނުވާފައިވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރުގެ މައްޗަށެވެ.
ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާތީ، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ އަހުމަދު ޝަހީދު ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޒެނީޝާއަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށް ގޮވާަލައްވާފައެވެ.